އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބަށް 5،559 އޮފިޝަލުން ހޯދަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހޯދަން ބޭނުންވާ 5،559 ޖާގައަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އޮފިޝަލަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އޮފިޝަލަކަށް ވުމަށް ކުރިމަތިލެވޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އިސް މަގާމެއް އަދާނުކުރާ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވާނަމަ އަދި އެއްވެސް ކެނޑިޑޭޓަކާ އާއިލީ ގާތްކަމެއް އޮންނަ އެފަދަ މީހަކަށް އޮފިޝަލަކަށް ނުވެވޭނޭ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 1،200 ރުފިޔާ، ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހު އޮފިޝަލުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސައިދޭނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި ވޯޓުލާ މަރުކަޒާ ހަވާލުވެ ހުންނަ އެންމެ އިސް އޮފިޝަލަށް 100 ރުފިޔާގެ ފޯން އެލަވަންސެއް ދިނުމަށްވެސް ނިންމާފައިވެ އެވެ.

މީގެއިތުރުން އޮފިޝަލުން އިންތިހާބާ ގުޅޭ ތަމްރީން ފުރިހަމަކުރުމުން އިތުރުން 300 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 600 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.