ފިނިޕޭޖް

އިސްލާމީ ގައުމުތަކުގައި އައިޑޮލްގެ ފޯރި ވަކިން ގަދަ!

އެހެންވީމަ ރާއްޖޭގައި މި ޝޯއެއް ކުރިއަށް ގެންދާތީ ކަންބޮޑުވާން ޖެހޭ ނުވަތަ ހައިރާންވާން ޖެހޭ ސަބަބެއް ވެސް ހަގީގަތުގައި ނެތެވެ. މި ޝޯއެއްގެ ފޯރި އެންމެ ގަދަކޮށްލައިގެން އުޅެނީ އިސްލާމީ ގައުމުތަކުގައި ކަމަށްވާތީ އެވެ.

ވަކިން ހާއްސަކޮށް ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި "އައިޑޮލް" ޝޯ އަކީ ރަންގަނޑެކެވެ. އެމީހުންގެ ނިކަމެތި އަދި ހިތްދަތި ދިރިއުޅުމުން އަރައިގަތުމަށް ހުޅުވިފައިވާ ނިކަން ބޮޑު ދޮރެއް ވެސްމެ އެވެ.

އެގޮތުން އަޅުގަނޑުމެން މި ބަލައިލަނީ އަރަބި ގައުމުތަކަށް ހާއްސަކޮށްގެން ސައޫދި އަރަބިއްޔާގެ އެމްބީސީ ގްރޫޕުން ކުރިއަށް ގެންދާ "އަރަބް އައިޑޮލް" އާއި އޭގައި ވިދާލި ބައެއް ފަރާތްތަކަށެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ފަރާތަކީ 2013 ވަނަ އަހަރު ގެނެސްދިން އަރަބް އައިޑޮލް ކާމިޔާބުކުރި ފަލަސްތީނުގެ މުހައްމަދު އައްސަފް އެވެ.

އެފަހަރު މުޅި ފަލަސްތީނު މި ޝޯއެއްގެ ފޯރީގައި ޖެހިގެން ދިޔައިރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވެޑައިގެންފައި ވަނީ އަރަބް އައިޑޮލްގެ ނިކަން ބޮޑު ފޭނަކަށެވެ. އުމުރުން 23 އަހަރުގެ އައްސަފް އަރަބް އައިޑޮލް ކާމިޔާބުކުރީ މިސްރާއި ސީރިއާ އިން ފައިނަލްގައި ވާދަކުރި ދެ ލަވަކިޔުންތެރިން ބަލިކޮށްގެންނެވެ.

އައްސަފް އަރަބް އައިޑޮލް އަކަށް ހޮވުމުން އެކަން ދުނިޔޭގެ ސަމާލުކަމަށް ވެސް ދިޔަ އެވެ. ވަކިން ހާއްސަކޮށް އޭނާ ފަލަސްތީނަށް ނިސްބަތްވެފައި ފަލަސްތީނުގެ އެންމެ ހާލުގައި އޮތް ގާޒާ އަށް ނިސްބަތްވާ ފަރާތަކަށްވީމަ އެވެ. އަރަބް އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވިއިރު އައްސަފް އަކީ ގާޒާގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ، ކައިވެނި ހަފުލާތަކުގައި ލަވަކިޔައިދެމުން ދިޔަ ޒުވާނެކެވެ.

އޭނާ އަށް އޮޑިޝަނުގައި ރަނުގެ ޓިކެޓް ލިބުނު ހިސާބުން ފެށިގެން ގާޒާގައި އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް ގެންދިޔަ ކެމްޕޭނަކީ ނިކަން ފާހަގަކޮށްލެވޭ ކެމްޕޭނެކެވެ. އަދި އެއްބައިވަންތަކަމުގެ މިސާލެއް ވެސް މެ އެވެ. ވަކިން ހާއްސަކޮށް ހަރުކަށި ފިކުރަށް މަޝްހޫރުވެފައިވާ ހަމާސް ޖަމާއަތުގެ ވެސް އައްސަފްގެ ކެމްޕޭނަށް އެއްްބާރުލުން ދީ އެމީހުންގެ ބާރުގެ ދަށުގައި އޮތް ގާޒާގެ އެކި ސަރަހައްދުގައި ޓީވީ ސްކްރީންތައް ހަރުކޮށް އަރަބް އައިޑޮލް ބެލޭނެ އިންތިޒާމްތައް ހަމަޖައްސައިދީފައިވެ އެވެ.

އައްސަފަށް ވޯޓް ދިނުމުގެ ހާއްސަ ކެމްޕޭނަކަށް އަމާޒުކޮށްގެން ބޭންޑް އޮފް ފަލަސްތީނުން ފައިސާގެ ވަރުގަދަ ހޭދައެއް ވެސް ކުރި އެވެ.

ގާޒާގެ އިތުރުން ހުޅަނގު އައްސޭރި އާއި ރާމަﷲގައި ވެސް އެފަހަރު ނިކަން ވަރުގަދަ އަށް އައްސަފްގެ ކެމްޕޭން ކުރިއަށް ގެންދިޔަ އެވެ. އެންމެފަހުން އޭނާ އަރަބް އައިޑޮލް އަކަށް ހޮވި ތާއަބަދަށް ދިރިއުޅުން ބަދަލުވެގެން ދިޔައީ އެވެ. ލީބިއާގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ދެމަފިރިއަކަށް ލިބުނު އައްސަފް އުޅެބޮޑުވީ ގާޒާގެ ޚާން ޔޫނުސް ރެފިއުޖީ ކޭމްޕްގަ އެވެ.

ދަ ރޮކެޓްގެ ނަމުން މަޝްހޫރުވެފައިވާ އައްސަފްގެ މި އާދަޔާހިލާފު ވާހަކަ އާއި އޭނާގެ ކާމިޔާބީގެ އަސްލަށް "ދަ އައިޑޮލް" ގެ ނަމުގައި މި އަހަރު ފިލްމެއް ވެސް ނެރެފައިވެ އެވެ.

އައްސަފް ވާދަކުރި އަރަބް އައިޑޮލްގެ ދެ ވަނަ ސީޒަނަށް ފަހު އޭގެ ތިން ވަނަ ސީޒަނަކީ ވެސް ނިކަން ވަރުއަރުވާލި ސީޒަނެކެވެ. ތިން ވަނަ ސީޒަންގެ އައިޑޮލް އަކަށް 2014 ވަނަ އަހަރު ހޮވުނީ ސީރިއާގެ ހަޒީމް ޝަރީފް އެވެ. ފައިނަލްގައި އޭނާއާ ވާދަކުރީ ފަލަސްތީނުގެ ހައިތަމް ހަލައިލާ އާއި ސައޫދީ އަރަބިއްޔާގެ މާޖިދު މަދާނީ އެވެ.

އިސްލާމީ ބޮޑެތި އެހެން އާބާދީތަކަށް ބަލާއިރު އިންޑޮނީއާގައި ކުރިއަށް ގެންދިޔަ "އިންޑޮނީޝިއަން އައިޑޮލް" ގެ ޝޯތައް ވެސް ފާހަގަކޮށްލެވެ އެވެ. ވަކި ހިސާބަކުން ފޯރި ގެއްލިގެން ހުއްޓާލަން ޖެހުނު ނަމަވެސް އިންޑޮނީޝިއަން އައިޑޮލް ވަނީ އަލުން ފަށައި ކުރިން އެގައުމުގައި ނެތް ވަރުގެ ފޯރިއެއްގައި ޖެހިފަ އެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ޖިއޯޓީވީގެ "ޕާކިސްތާން އައިޑޮލް" ވެސް ފާހަގަކޮށްލެވެ އެވެ. ޕާކިސްތާނުން އެންމެފަހުން އައިޑޮލް ޝޯ އެގައުމުގައި ދައްކާފައި ވަނީ 2007 ވަނަ އަހަރުން ފެށިގެން ކުރަމުން ދިޔަ ބުރަ މަސައްކަތަކަށް ފަހު އެވެ.

މި ސަރަހައްދަށް ބަލާއިރު އައިޑޮލް ރާއްޖެ އަށް ގެނެވުމަކީ ފަހުރެކެވެ. އިންޑިއާ އާއި ޕާކިސްތާން އަދި ބަންގާޅަށް ފަހު އައިޑޮލް ފްރެންޗައިޒް ޝޯއެއް މިހާރު ކުރިއަށް މި ދަނީ ރާއްޖޭގައި އެކަންޏެވެ.

މި އައިޑޮލް ޝޯތަކުގެ އަސްލަކީ ކޮބާ؟

މި ފްރެންޗައިޒް ޝޯ އަށް ބަލާއިރު ދިވެހިންގެ މެދުގައި އެންމެ މަޝްހޫރީ އަދި މަގްބޫލީ އެމެރިކަން އައިޑޮލް އާއި އިންޑިއަން އައިޑޮލް އެވެ. އެކަމަކު ހަގީގަތަކީ މި ވާހަކައެއް ފެށިގެން އަންނަނީ އަދި އެއަށް ވުރެ ވެސް ދުރުންކަމެވެ.

"އައިޑޮލް" ޝޯތަކުގެ އަސްލަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޓީވީ ޕްރޮޑިއުސަރު ސައިމަން ފުލާގެ "ޕޮޕް އައިޑޮލް" އެވެ. އެއީ އައިޓީވީ އަށް 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމަ އަށް އުފެއްދި ރިއާލިޓީ/މިއުޒިކް ކޮމްޕެޓިޝަން ޝޯއެކެވެ.

ސައިމަން ފުލާގެ "ޕޮޕް އައިޑޮލް" ހުއްޓުމަކަށް އައީ އައިޑޮލްގެ ޝޯތަކުން މަޝްހޫރުކަން ހޯދި ޖަޖު، ސައިމަން ކައުލް 2004 ވަނަ އަހަރު "ދަ އެކްސް ފެކްޓާ" ފެށި ހިސާބުންނެވެ. އެހިސާބުން "އައިޑޮލް" ޝޯ އިންޓަނޭޝަނަލް ޓީވީ ފްރެންޗައިޒް އަކަށް ބަދަލުވީ އެވެ.

"ޕޮޕް އައިޑޮލް" ގެ ނަމުގައި މި ޝޯ އެހެން ގައުމުތަކަށް ނުދިޔަ ސަބަބަކީ ރިއާލިޓީ ޝޯ "ޕޮޕްސްޓާސް" އެވެ. އެމީހުން މައްސަލަ ޖައްސައިގެން އައިޑޮލްގެ ޝޯތަކުން "ޕޮޕް" އުނިކޮށްލީ އެވެ.

އެހިސާބުން ޝޯ އިންޓަނޭޝަނަލްވެ މިހާރު މި ޝޯ ކުރިއަށް ނުގެންދާ ގައުމެއް ގާތްގަނޑަކަށް ނެތެވެ.

އެމެރިކަން އައިޑޮލް އަށް ބަލާއިރު މިހާރު ކުރިއަށް އެ ދަނީ 15 ވަނަ ސީޒަން އެވެ. އަދި މިއީ އެމެރިކަން އައިޑޮލްގެ އެންމެ ފަހު ސީޒަންކަން ވެސް ފާހަގަކޮށްލެވެ އެވެ. އެމެރިކާގައި އޮރިޖިނަލް އެމެރިކަން އައިޑޮލްގެ ގޮތުގައި މަޝްހޫރުވެފައި ވަނީ ފުރަތަމަ މުބާރާތް ކާމިޔާބުކުރި ކެލީ ކްލާކްސަން އެވެ.

މި ޝޯތަކުގެ މެއިން ޑިސްޓްރިބިއުޓާ އަކީ ޔޫކޭގެ ފްރިމެންޓަލް މީޑިއާ އެވެ.