އެސްޓީއޯ

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން އާންމުކުރި އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 10 ޕަސަންޓު އިތުރުވެފަ އެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވާއިރު ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ފައިދާގެ ގޮތުގައި 809 މިލިއަން ރުފިޔާ ލިބުނެވެ. ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 503 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބުނުއިރު މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 37 ޕަސަންޓު އިތުރުވުމެކެވެ.