ނެޝަނަލް ޕޭ ކޮމިޝަން

އިތުރު ތަނެއްގައި ވަޒީފާ އަދާނުކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް

ވަޒީފާ އަދާކުރާ ހޮސްޕިޓަލް ފިޔަވައި އިތުރު ތަނެއްގައި ވަޒީފާ އަދާނުކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވި ގޮތުގައި "އެކްސްކްލޫސިވް ސާވިސް ބެނެފިޓް" ލިބޭނީ އިތުރު އެއްވެސް ތަނެއްގައި މަސައްކަތް ނުކުރުމަށް އެއްބަސްވާ މުވައްޒަފުންނަށެވެ.

ފައިޒަލް ވިދާޅުވި ގޮތުގައި މުވައްޒަފު އިތުރު އެއްވެސް ތަނެއްގައި ޕްރެކްޓިސް ނުކުރުމަށް އެއްބަސްވާން ޖެހެ އެވެ.

އިނާޔަތް ލިބޭނީ ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލަން އެއްބަސްވެ މުވައްޒަފާޢި އެ މުވައްޒަފު ވަޒީފާ އަދާކުރާ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ.

ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުން ފެށިގެން ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10އަކަށް އަދި ޑެންޓިސްޓުންނަށްވެސް މި އެލަވަންސް ލިބޭނެ ކަމަށް ޑރ. ފައިޒަލް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުމާ ގުޅިގެން އެ ދާއިރާގެ 3،710 މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ވަނީ ލިބިފަ އެވެ.

ބޮޑުކުރި މުސާރައާއި ގުޅިގެން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ ސީނިއާ ރެޖިސްޓަޑް ނަރުހަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ އެވެ. ސްޕެޝަލިސްޓް ނަރުހަކަށް 41،976 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ސީނިއަ މެޑިކަލް އޮފިސަރަކަށް ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ އެވެ. 28727 ރުފިޔާ އެވެ. ނަމަވެސް އަލަށް މިގެނައި ބަދަލާ އެކު ސީނިއާ މެޑިކަލް އޮފިސަރުންނަށް ކުރިން ލިބެމުން ދިޔަ އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ އެވެ. އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.