ސްޓެލްކޯ

ރީޑިން ނުނަގައި ބިލެއް ނުކުރަން: ސްޓެލްކޯ

ކަރަންޓު މީޓަރުގެ ރީޑިން ނުނަގައި ބިލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްޓެލްކޯ އިން ދޮގުކޮށްފި އެވެ.

ސްޓެލްކޯ އިން މީޓަރުގެ ރީޑިން ނުނަގައި ކަރަންޓު ބިލުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއިން އެއްވެސް އިރެއްގައި ބިލާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ.

"ސްޓެލްކޯ އިން އެއްވެސް އިރެއްގައި ބިލާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަކޮށްފައެއް ނުވާނެ. ޓެރިފް ރޭޓްއަކީ ސްޓެލްކޯ އިން ކަނޑައަޅާ ކަމެއް ނޫން، ކަރަންޓު ބޭނުންކުރުމަކީ ސްޓެލްކޯ އިން ކޮންޓްރޯލްއެއް އޮންނަ ކަމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.

ސްޓެލްކޯގެ އެމްޑީ މިހެން ވިދާޅުވެފައި މިވަނީ ހޫނު ގަދަވުމުގެ ސަބަބުން މާލެ ސަރަހައްދުގައި މިދިޔަ އެޕްރީލް މަހު ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކޮށްފައިވަނިކޮށެވެ.

ކަރަންޓް އިގްތިސާދު ކުރުމުގެ ގޮތުން އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯ އިން އެދިފައިވެ އެވެ.