އިންޑިއާ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ރާޖްނަތު ސިންގު ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ޑިފެންސް މިނިސްޓަރު ރާޖްނާތުގެ މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖެގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރާޖްނަތުގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދު -- ހުރަވީގެ ބަދަލުގައި ވަސީލަތްތައް ގިނަ ޒަމާނީ އާ އުޅަނދެއް ހަދިޔާކުރައްވާނެ އެވެ. އެ އުޅަނދު މިވަގުތު އޮތީވެސް ރާއްޖޭގަ އެވެ.

ރާއްޖޭގެ ސިފައިންގެ ދެވަނަ ލޭންޑިން ކްރާފްޓް އެސޯލްޓް (އެލްސީއޭ) އަކާއި 24 ޔުޓިލިޓީ ވެހިކަލް އިންޑިއާ އިން ހަދިޔާ ކުރުންވެސް މާދަމާ ކުރިއަށް ގެންދާނެ އެވެ.

އިންޑިއާ އިން ހުރަވީ ހަދިޔާކުރީ އޭޕްރީލް 16، 2006 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

ހުރަވީގެ ބަދަލުގައި އާ ކޯސްޓްގާޑެއް ހަދިޔާކުރަން އިންޑިއާ ސަރުކާރުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.