މިނިސްޓްރީ އޮފް ހެލްތު

ތިނަދޫގައި ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ފަށަނީ

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް)ގައި ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ލަޕަރޮސްކޮޕިކް ސާޖަރީ އަކީ ބަނޑު ކަފާުމުގެ ބަދަލުގައި ބަނޑުގައި ކުދި ލޯވަޅުތަކެއް އަޅައިގެން ކުރާ ސާޖަރީ އެކެވެ. ކެމަރާއާއި ކުދިކުދި ތަފާތު އާލާތްތަކެއް ބޭނުންކޮށްގެން ހަދާ މިފަދަ ސާޖަރީތަކާ ގުޅިގެން ބަލިމީހާ އުފުލަންޖެހޭ ވޭން ކުޑަވެ ފަސޭހަވުން އަވަސްވެ އެވެެ.

ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތާ އެކު އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް ވެސް އަންނަ ބުދަ ދުވަހު އޭއެސްއެމްއެޗްގައި ފެށުމަށް ހަމަޖެހިފައިވެ އެވެ. އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތަކީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމެވެ. އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް ދިނުމަށް ހާއްސަ ކްލިނިކެއް ވެސް އޭއެސްއެމްއެޗްގައި މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ލަޕަރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ސާމާނު މިދިޔަ އަހަރުގެ ފަހުކޮޅު ތިނަދޫއަށް ގެންގޮސްފައިވާއިރު މިހިދުމަތް ފެށުމަށް ބޭނުންވާ އައިޖީއެމްއެޗްގެ ކަމާ ގުޅޭ ހާއްސަ ޓީމެއް މާދަމާ ތިނަދޫ އަށް ދިއުމަށް ހަމަޖެހިފައިވެ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކެމެރާ ލައްވައިގެން ކުރަންޖެހޭ އަންހެނުންގެ ހާއްސަ އޮޕަރޭޝަންތަކާއި ހުޅުތެރެއަށް ކެމެރާ ލައްވައިގެން ކުރަމުންދާ ކަށީގެ އޮޕަރޭޝަންތައް ފެށުމަށްވެސް އޭއެސްއެމްއެޗް އިން ދަނީ ތައްޔާރުވަމުންނެވެ.