ފިނިޕޭޖް

ޓެކްސް ނުދައްކާ ކަމަށް ބުނާތީ ބިޔޯންސޭގެ ރައްދު

އެމެރިކާގެ އިންޓާނަލް ރެވެނިއު ސާވިސް (އައިއާރްއެސް) އަށް 2018 އާއި 2019 އަހަރު ލަވަކިޔުންތެރިޔާ ބިޔޮންސޭ ނުދައްކާ ހުރި ޓެކްސްއާއި ޖޫރިމަނާއަށް 2.69 މިލިއަން ޑޮލަރު އެބައޮތް ކަމަށް ބުނުމުން ބިޔޯންސޭ ރައްދު ދީފި އެވެ.

ޓެކްސް ނުދައްކާ އޮތް ކަމަށް އައިއާރްއެސް އިން ބުނުމުން ބިޔޯންސޭ ވަނީ ޓްރަޔަލްއެއް ބާއްވާ ދިނުމަށް އެދިފަ އެވެ. އެކަމަކު އަޑުއެހުމެއް ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

އައިއާރްއެސް އިން ނެރެފައިވާ "އަ ނޯޓިސް އޮފް ޑެފިޝަންސީ"ގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިޔޯންސޭ ދައްކަންޖެހެނީ 2018 ވަނަ އަހަރަށް 805،850 ޑޮލަރާއި 2019 އަށް 1،442،747 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 449،719.40 ޑޮލަރެވެ.

ބިޔޯންސޭގެ ލޯޔަރު މައިކަލް ސީ. ކޯއެން ބުނީ އައިއާރްއެސްއާ ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އަވަހަށް ހައްލުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ބިޔޯންސޭގެ ގާނޫނީ ޓީމުން ބުނީ 868،766 ޑޮލަރު ސަދަގާތަށް ދީފައިވާނެ ކަމަށާއި އެއީ ޓެކްސްއިން އުނިކުރަންޖެހޭ އަދަދެއް ކަމަށެވެ.

ބިޔޯންސޭގެ ނަމުގައި ހުށަހެޅި ޕެޓިޝަންގައި، ބިޔޯންސޭގެ ޓެކްސްގައި އެއްވެސް "ޑެފިޝަންސީ" އެއް ނޫނީ އުނިކަމެއްވާނަމަ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެއީ ބިޔާންސޭ ރަނގަޅު ނިއްޔަތުގައި އެކަން ކޮށްފައިވާތީ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ބިޔޯންސޭ ސަދަގާތަށް ދިން ފައިސާ ދީފައިވަނީ ކޮން ޗެރިޓީއަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. 2013 ވަނަ އަހަރު ބިޔޯންސޭ ވަނީ "ބޭގުޑް ފައުންޑޭޝަން"ގެ ނަމުގައި ފައުންޑޭޝަނެއް ވެސް ހުޅުވާފަ އެވެ.

ފޯބްސް މެގަޒިން އިން ބުނާ ގޮތުގައި ބިޔޯންސޭގެ ފައިސާ އިން އަގުކުރާ މިލްކިއްޔާތަކީ 450 މިލިއަން ޑޮލަރެވެ. ބިޔޯންސޭގެ ފިރިމީހާ ޖޭޒީއަކީވެސް ރެޕާ އަދި ވިޔަފާރިވެރިއެއްގެ އިތުރުން މިލިއަނަރެކެވެ.