ބޮލީވުޑް

އަންހެނުން އަރްޕިތާއަށް މަލާމާތްކުރާތީ އަޔޫޝް ދެރަވެއްޖެ

"ލަވްޔާތުރީ"، "އަންތިމް- ދި ފައިނަލް ޓްރުތު" ފަދަ ފިލްމުތައް ކުޅެފައިވާ ބޮލީވުޑް ތަރި އަޔޫޝް ޝަރުމާ ގިނަ ބަޔަކު ދަންނަނީ އޭނާ ކުޅެފައިވާ ފިލްމުތަކުގެ ސަބަބަކުން ނޫނެވެ. ސަލްމާން ޚާންގެ ޅިޔަނުގެ ގޮތުގަ އެވެ.

އަޔޫޝް އަކީ ސަލްމާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ. އަދި އޭނާ ބޮލީވުޑަށް ތައާރަފްކޮށް ފިލްމު ކުޅުމުގެ ފުރުސަތު މިހާރުވެސް ހޯދާދެނީ ސަލްމާނެވެ.

އަޔޫޝް އަށް ފާޑުކިޔާ މީހުން ބުނަނީ ސަލްމާންގެ ކޮއްކޮއާ އަޔޫޝް ކައިވެނިކުރީ އެކްޓަރަކަށް ވާން ފުރުސަތު ހޯދަން ކަމަށެވެ. އަރްޕިތާ ދެކެ ލޯބިން ނޫން ކަމަށެވެ. އަދި އަޔޫޝް އާއި އަރްޕިތާއާ އެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ވަރަށް ގިނަ ބަޔަކު އަރްޕިތާ އާއި އޭނާއަށް މަލާމާތްކުރެ އެވެ. ޚާއްސަކޮށް އަރްޕިތާ އަށް އަބަދުވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ.

އޭނާއަކީ ސެލެބްރިޓީ އަކަށް ނުވިޔަސް ސަލްމާންގެ ކޮއްކޮ އަށް ވާތީ އާއިލީ ފޮޓޯ ތަކުގަޔާއި އަޔޫޝްގެ ފިލްމު ޕްރޮމޯޝަން ފޮޓޯތަކުން އަރްޕިތާ ފެނެ އެވެ. އަދި އަރްޕިތާގެ ކޮންމެ ފޮޓޯއަކަށް މީހުންގެ މަލާމާތް ރައްދުވެ އެވެ.

މިކަމާ ގުޅޭ ގޮތުން އަޔޫޝް ދީފައިވާ އިންޓަވިއު އެއްގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައި ވެއެވެ. އަޔޫޝް ބުނި ގޮތުގައި އޭނާގެ އަންހެނުން އަރްޕިތާގެ ސިފަޔަށް ފާޑުކިއުމަކީ ސޯޝަލް މީޑިއާގައި މީހުން އަބަދާ އަބަދު ކުރަމުންދާ ކަމެކެވެ.

"އޭނާގެ ގައިގެ ހަންގަނޑު ކަޅުކަމުން، އޭނާ މާ ފަލަކަމުން އަދި އޭނާ އަޅާ ހެދުމަށް އަބަދާ އަބަދު މީހުންގެ މަލާމާތާ ރައްދުވޭ. ނަމަވެސް އަހަރެން އަރްޕިތާއާ މެދު ފަޚުރުވެރިވަން. އޭނާއަކަށް އަދި އަހަންނަކަށް ވެސް އޭނާގެ ސިފައާ މެދު މައްސަލައެއް ނެތް،" އަޔޫޝް ބުންޏެވެ.

އަޔޫޝް ބުނި ގޮތުގައި އަރްޕިތާ އަށް މީހުން އެވަރަށް ފާޑުކިޔަން ޖެހޭ ސަބަބެއް އޭނާއަކަށް ނޭނގެ އެވެ. އަރްޕިތާ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި އެއްވެސް ވަރަކަށް އުޅޭ މީހެއް ނޫނެވެ. ސެލެބްރިޓީ އެއް ނޫނެވެ. ހަމައެކަނި ފިލްމީ އާއިލާއަކަށް ނިސްބަތް ވުން ފިޔަވައި އޭނާގެ އެއްވެސް ދައުރެއް ފިލްމު އިންޑަސްޓްރީއަކު ނެތެވެ.

"މިޒަމާނުގައި ރީއްޗަކީ ވެސް ބޭރުފުށުގެ އެއްޗެއް. އެއްވެސް މީހަކު ބަލާކަށް ބޭނުމެއް ނުވޭ އޭނާއަކީ އެތެރެ ކިހާ ސާފު އިންސާނެއް ކަމެއް. މީހުން ބަލަނީ ހަމައެކަނި ބޭރުފުށުން އެ ފެންނަ ގޮތް،" އަޔޫޝް ބުންޏެވެ.

އަޔޫޝް ބުނި ގޮތުގައި އޭނާއަށް އެހާ ގިނައިން މީހުންގެ މަލާމާތް ރައްދުވާ ސަބަބެއް ޚުދް އަރްޕިތާ އަކަށް ވެސް ނޭނގެ އެވެ.

"އަރްޕިތާ ބުނާނެ އަހަރެންނަކީ ކެމެރާ އަށް ދުވަހަކުވެސް ކުރިމަތިލީ މީހެއް ނޫނޭ. ސެލެބްރިޓީ އެއް ވެސް ނޫނޭ. އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށޭ،" އަޔޫޝް ބުންޏެވެ.

އަޔޫޝް އާއި އަރްޕިތާ ކައިވެނިކުރީ 2014ގެ ނޮވެމްބަރު މަހު އެވެ. މި ދެމަފިރިންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ.

އަރްޕިތާ އަކީ ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން އާއި އޭނާގެ ދެވަނަ އަނބި އަދި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ހެލަން އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ. އެޑޮޕްޓްކޮށްފައި ވިޔަސް ސަލްމާނާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިން އަދި އާއިލާގެ އެންމެން ވެސް އަރްޕިތާ ދެކެ އިންތިހާއަށް ލޯބިވެ އެވެ.