ބޮލީވުޑް

ބައްޕައަކަށް ވާން ގާނޫނު ހުއްދައެއް ނުދޭ: ސަލްމާން

ސަލްމާން ޚާންގެ ކައިވެނީގެ ވާހަކައަކީ މިހާރު ބޮޑު ޖޯކަކަށް ވަނީ ވެފަ އެވެ. އެންމެން އޭނާ ކައިރީ އަބަދާ އަބަދު އެ ވާހަކަ އަހާތީ އާއި މިއީ އެންމެން މަޖަލަކަށް ދައްކާ ވާހަކައަކަށް ވެފައި ވާތީ އެވެ.

ސަލްމާންގެ އެންމެ ފަހުގެ އިންޓަވިއުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ކައިވެނި ކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ނަމަވެސް ދަރިން ހޯދަން އޭނާ ބޭނުންކަން އޭނާގެ ވާހަކައިން އެނގެ އެވެ.

މިހާރު ސަލްމާން ފެންނަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުދިން ގޮވައިގެން އުޅޭތަނެވެ. ނަމަވެސް އަމިއްލަ ދަރިއަކު އޭނާ ވެސް ބޭނުން ކަމަށާއި ނަމަވެސް އިންޑިއާގެ ގާނޫނުތައް އެކަމަށް ހުއްދަ ނުދޭ ކަމަށް ސަލްމާން ބުނެފައި ވެއެވެ.

މުސްތަގްބަލުގައި އާއިލާއިން ބިނާ ކުރުމާ ގުޅޭ ގޮތުން ސަލްމާން ބުނީ އޭނާގެ އާއިލާއަށް ޅީދަރިއަކު ބޭނުން ނުވިޔަސް އޭނާގެ އުފަން ދަރިއަކު ބޭނުން ކަމަށެވެ. ނަމަވެސް ކައިވެނިނުކޮށް ދަރިއަކު ހޯދަން އިންޑިޔާ ގާނޫނުތައް ހުއްދަ ނުކުރާ ކަމަށެވެ.

"ކީއް ކުރާނީ. ގާނޫނުތައް އޮތް ގޮތުން އަހަރެން ބޭނުންވާ ގޮތަށް ކުއްޖަކު ހޯދޭކަށް ނެތް. އެހެންވެ ދެން ކުރެވޭނީ ކޮން ކަމެއްތޯ އެބަ ބަލަން،" ސަލްމާން ބުންޏެވެ.

ސަލްމާން ބޭނުމީ ކިތައް ދަރިންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ މިހާރު އެއް ކުއްޖެއް ކަމަށާއި 5-6 ވަރަކަށް އަހަރު ފަހުން އިތުރު ކުއްޖަކު ލިބިއްޖިއްޔާ އޭނާއަށް އެކުދިންނާއެކު ކުރިއަށް އޮތް 20-25 ވަރަކަށް އަހަރު ހޭދަ ކުރަން އުންމީދުކުރާ ކަމަށެވެ.

ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ކައިވެނިނުކޮށް ސަރަގޭޓް މަންމައެއްގެ ފަރާތުން ދެ ދަރިން ހޯދާފައިވާތީ އެގޮތަށް ދަރިއަކު ހޯދަން ބޭނުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސަލްމާން ބުނީ އެގޮތަށް ވެސް ދަރިއަކު ހޯދަން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ގާނޫނުތަކާ ހެދި އެކަން ނުކުރެވިގެން އުޅެނީ ކަމަށެވެ.

"އަހަރެން ކުޑަކުދިން ދެކެ ވަރަށް ލޯބިވޭ. އަދި ކުޑަކުދިންނަށް މަންމައެއްގެ ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން އަހަންނަށް އެނގޭ. އަހަރެންގެ ދަރިއެއްގެ މަންމައަކު ވާނީ އަހަރެންގެ އަނބިމީހާއަށް،" އޭނާ ބުންޏެވެ.