އަލްމަރުހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ޔުނިވާސަލް ފައުންޑޭޝަނުން ޚާއްސަ ސްކޮލާޝިޕެއް ތައާރަފްކުރުމަށް ނިންމައިފި އެވެ.
ޑރ. އިބްރާހީމް އުމަރު މަނިކު އަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައި އެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ.
އޭނާ އެމްބީބީއެސް ފާސް ނެންގެވީ، ޖަރުމަނުވިލާތުގެ ޔުނިވަސިޓީ އޮފް ލެއިޕްޒިގް އިންނެވެ. އެނަސްތީޒިއޮލޮޖީގެ ރޮނގުން ސްޕެޝަލައިޒްވެ ވަޑައިގަތީ އެތަނުގެ ހެލީގެ ޔުނިވަސިތޭތްސްކްލިނިކަމް އިންނެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައި މާލޭ ސެންޓްރަލް ހޮސްޕިޓަލުގައި ޑރ. އިބްރާހީމް އުމަރު މަނިކު ހިދުމަތް ކުރެއްވި އެވެ. މީގެ ތެރޭގައި އެނަސްތީޒިއޮލޮޖީ ޑިޕާޓްމަންޓަށް ޒަމާނީ ކުރިއެރުން ގެންނެވުމާއި، ހޮސްޕިޓަލަށް ބޭނުންވާ ފަހުގެ އާލާތްތައް ހޯއްދެވުމުގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ.
ސިއދާއިްހީ ރާގެ އިތުރުން ޑރ. އިބްރާހީމް އުމަރު މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އަދި ތަފާތު ސިނާއަތު ރާއްޖެއަށް އަލަށް ތައާރަފް ކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެއްވި އެވެ. މިގޮތުން 1989 ވަނަ އަހަރު މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އުފައްދަވައި، ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް އުފައްދާ ޕްލާންޓެއް މުޅިން އަލަށް ރާއްޖެއަށް ތައާރަފްކޮށްދެއްވި އެވެ.
މީގެއިތުރުން 1987 ވަނަ އަހަރު މާލެއަތޮޅު ދެކުނުގައި ޕާމްޓްރީ ރިސޯޓްސްގެ ރިސޯޓެއްގެ ގޮތުގައި ވެލިގަނޑު ހުރާ ތަރައްގީކުރެއްވި އެވެ. އެއާއެކު، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ރާއްޖެއަށް ބައިނަލްއަވާގްމީ ޗެއިންތައް ގެންނެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ ތެރޭގައިވެސް ޑރ. މަނިކު ހިމެނެ އެވެ.
ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި މި ސްކޮލާޝިޕް ހުޅުވާލަނީ ރާއްޖޭން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށެވެ.
ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވަސިޓީތަކުގެ ތެރެއިން ކޮންމެވެސް އެއް ޔުނިވަސިޓީއެއްގަ އެވެ. އަމާޒަކީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންތެރި، އެންމެ މުހިއްމު ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވެގެން ރާއްޖެ އައިސް ދިވެހީންނަށް ހިދުމަތް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
މި ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ޔުނިވާސަލް ފައުންޑޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ސްކޮލާޝިޕަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްކޮލަރޝިޕަށް ކުދިން ހޮވުމުގައި ބަލާނެ މިންގަނޑުތައް
- ދިވެހިރައްޔިތެއް ކަމުގައިވުން.
- ތައުލީމް ހާސިލުކުރަން އެދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމުގައިވުން.
- ތައުލީމު ހާސިލުކުރަން އެދޭ ލެވެލް އަކީ ޕޯސްޓް ގްރެޖުއޭޓް ކަމުގައިވުން.
- ތައުލީމް ހާސިލުކުރަން އެދޭ ޔުނިވަސިޓީއަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކަށްވުން.
- ޔުނިވަސިޓީއަށް ވަނުމުގެ ޖާގަ ލިބިފައިވާކަން އަންގައިދޭ ލިޔުން އޮތުން.
- އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ވިސާއަށް ޝަރުތު ހަމަވާ ފަރާތަކަށްވުން.
- އެމްބީބީއެސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން.
- އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ރާއްޖޭގައި މަދުވެގެން ދެއަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.
- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ރާއްޖޭގައި މިވަގުތު ތަމްރީނުވެފައިވާ ޑޮކްޓަރުން އެންމެ މަދު ދާއިރާތަކުން ސްޕެޝަލައިޒްވާން އެދޭ ދަރިވަރުންނަށް.
- ދަރިވަރުން ހޮވުމަށް ބާއްވާ އިންޓަވިއުއިން ފާސްވެފައިވުން.
- އެއްބަސްވުމާ އެއްގޮތަށް ކޯސް ފުރިހަމަ ކުރުމަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެއްބަސްވުން.
ޔުނިވާސަލް އެންޓަޕްރައިޒަސްގެ ތާރީޚުގައި ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް މިހާރު ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. މިގޮތުން ޔުނިވާސަލް ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ކިޔަވާ ކުދިންނަށް ޖުމްލަ 204 ސްކޮލާޝިޕް ދީފަ އެވެ. މީގެތެރެއިން 51 ސްކޮލަޝިޕަކީ ސިއްހީ ދާއިރާއިން ދީފައިވާ ސްކޮލާޝިޕްތަކެވެ.
ސަރުކާރާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ ތަރައްގީއަށާއި، އިޖުތިމާއީ ކަންކަމަށާއި އެކިއެކި އެހީގެ ޕްރޮގްރާމް ރާވާ ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޔުނިވާސަލް ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދެ އެވެ. ދިވެހި ރައްޔިތުންނަށް ބޭނުންތެރި ތަފާތު ފުރުސަތުތައް ފަހިކޮށް ދިނުމަށާއި އަދި ދިވެހީންނަށް އިންސާނީ ތަރައްގީއާއި ކުރިއެރުން ގެނެސްދިނުމަށްޓަކައި ޔުނިވާސަލް ފައުންޑޭޝަނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.
ޔުނިވާސަލް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތާއި، ތައުލީމާއި، އިޖުތިމާއީ އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހި މުޖުތަމައަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ފާގަތި ދިރިއުޅުމެއް އުޅެވޭފަދަ ހިތްގައިމު މާހައުލަކަށް ހަދައިދިނުމަކީވެސް އަމާޒެއް ކަމަށް ޔުނިވާސަލް ފައުންޑޭޝަނުން ބުނެ އެވެ.