ޔުނިވާސަލް ފައުންޑޭޝަން

ޔުނިވާސަލް ފައުންޑޭޝަނުން މެޑިކަލް ސްކޮލާޝިޕަށް ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގެ ޔުނިވާސަލް ފައުންޑޭޝަނުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިއްހީ ދާއިރާއިން ސްޕެޝަލައިޒް ވާން ބޭނުންވާ ދިވެހި ދަރިވަރުންނަށް ޔުނިވާސަލް ފައުންޑޭޝަނުން ވަނީ ފުލީ-ފަންޑެޑް ތިން ސްކޮލާޝިޕް ހުޅުވާލާފަ އެވެ.

މި ސްކޮލާޝިޕްގެ ދަށުން ސްޕެޝަލައިޒް ނުވަތަ ސަބް-ސްޕެޝަލައިޒް ވާން ބޭނުންވާ ދަރިވަރުންނަށް ހަދަން ބޭނުންވާ ކޯސް ފީގެ އިތުރުން އަހަރީ ދަތުރުފަތުރަށް ބޭނުންވާ ހަރަދުތަކާއި، ސިއްހީ އިންޝުއަރެންސާއި، ވިސާ ހަރަދުތަކާއި، ކޮންމެ މަހަކު ވެސް ދަރިވަރުންނަށް ދޭ ސްޓިޕެންޑްސް ވެސް ޔުނިވާސަލް ފައުންޑޭޝަނުން ފޯރުކޮށްދެ އެވެ.

ސްކޮލާޝިޕްގެ ލެވެލް އަކީ ޕޯސްޓް-ގްރެޖުއޭޓް ސްޕެޝަލައިޒޭޝަން ލެވެލް އެވެ.

ސްކޮލާޝިޕަށް ހުށަހަޅަން ބޭނުންވާ މީހުން ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، ސިއްހީ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރަކަށް ވުމާއި، އެ ދާއިރާއިން ކިޔެވުމަށް ބޭނުންވާ ތައުލީމީ ގޮތުން ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވުން ހިމެނެ އެވެ.

ޝަރުތުތަކުގެ ތެރޭގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ޔުނިވާސިޓިއަކީ މެލޭޝިއާ، އިންޑޮނީޝިއާ، ތައިލެންޑް، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް، އިންޑިއާ ނުވަތަ ސްރީލަންކާގައި ހުންނަ ޔުނިވާސިޓީއަކަށް ވުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ސެލެކްޝަން އިންޓަވިއު އިން ފާސްވެ، ސްކޮލާޝިޕް ލެވެލް އަކީ ޕޯސްޓް-ގްރެޖުއޭޓް ސްޕެޝަލައިޒޭޝަން ލެވެލްއަށް ވުމާއި، ހުށަހަޅާ ޕްރޮގްރާމަކީ ހިނގަމުންދާ ޕްރޮގްރާމަކަށް ނުވަތަ ސްކޮލާޝިޕަށް ހުށަހަޅާއިރު ފެށިފައިވާ ޕްރޮގްރާމަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ސްކޮލާޝިޕަށް އެދި ހުށަހަޅާ ފަރާތަކީ އެ ސްކޮލާޝިޕެއްގެ ދަށުން ކިޔަވަމުންދާ ނުވަތަ މުސާރަ ލިބޭގޮތަށް ވަޒީފާއެއްގެ ޗުއްޓީގައި ހުރި މީހަކަށް ވެސް ވެގެން ނުވެ އެވެ. ޔުނިވާސިޓީން ޖާގަ ލިބުނު ކަމުގެ ސިޓިއެއްވެސް އޮންނަން ޖެހެ އެވެ.

މި ސްކޮލާޝިޕް ދިނުމުގައި ސްޕެޝަލައިޒް ނުވަތަ ސަބްސްޕެޝަލައިޒް ވާން ބޭނުންވާ ފަރާތްތަކަށް މެޑިކަލް ދާއިރާއިން އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި، ތަރައްގީ ކުރުމަށް ޔުނިވާސަލް ފައުޑޭޝަނުން އަހައްމިއްޔަތުކަމެއް ދެއެވެ.

ސްކޮލާޝިޕަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލެވެ.