ޔުނިވާސަލް ފައުންޑޭޝަން

ޔުނިވާސަލް ފައުންޑޭޝަނުން ހުޅުމާލެއިން ހަތަރު ޓަނުގެ ކުނި ނަގައިފި

ދުނިޔޭގެ ސާފުކުރުމުގެ ދުވަސް ފާހަގަކުރުމަށް ޔުނިވާސަލް ފައުންޑޭޝަނުން ބޭއްވި ހަރަކާތެއްގައި ހުޅުމާލެ ޗެނަލް ބީޗް ސަރަހައްދުން ހަތަރު ޓަނުގެ ކުނި ނަގައިފި އެވެ.

މި ހަރަކާތުގައި ޔުނިވާސަލް ރިސޯޓުތަކުން 300އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.

ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 7:00 އިން 10:00 އަށެވެ.

މިހަރަކާތުގައި ޔުނިވާސަލް ފައުންޑޭޝަނުން ވަނީ ވެމްކޯއަށް ސާފުކުރުމަށް ބޭނުންކުރާ އެކި ވަސީލަތްތައް ވެސް ހަދިޔާކޮށްފަ އެވެ.

މި ހަރާކަތް ކުރިއަށް ގެންދިޔުމަށް ވެމްކޯއާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ވެސް ބައިވެރިވި އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ބުނީ މި ހަރަކާތުގައި ޖުމްލަ އެ ސަރަހައްދުން ހަތަރު ޓަނުގެ އެކި ވައްތަރުގެ ކުނި ނަގާފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ ސާފުކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

މި ދުވަސް ފާހަގަކުރުމުގައި މި އަހަރު 198 ގައުމަކުން ބައިވެރިވެފައިވެ އެވެ. އަދި ޖުމްލަ ދެ ލައްކަ ޓަނުގެ ކުނި ވެސް ނަގާފައިވެ އެވެ.