ޑރ. އަހުމަދު ޝަހީދު

ކަނޑުގެ މައްސަލައިގައި އިތުރު މޮޅު ގޮތެއް ނުހޯދޭނެ: ޑރ. ޝަހީދު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ ރާއްޖެއަށް އެންމެ ބޮޑު މޮޅު ލިބޭ ގޮތަށް ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ތައުރީފު ކުރައްވާ ޑރ. ޝަހީދު ވަނީ ރާއްޖެއިން ވަކާލާތުކޮށްގެން ހޯދި ސަރަހައްދަށްވުރެ އިތުރަށް އެ މައްސަލައިގައި ހޯދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޑރ. ޝަހީދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވަނީ ފުރިހަމަ މައުލޫމާތު ލިބިފައިނުވާތީ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސް އިން ނިންމީ އެޕްރީލް 28 ވަނަ ދުވަހު އެވެ.

އިޓްލޮސް އިން މައްސަލަ ނިންމި ދުވަހު ޑރ. ޝަހީދު ވަނީ ރާއްޖެއިން ހުށަހެޅި ގިނަ ޕޮއިންޓްތައް ރަނގަޅަށް ސާބިތުކޮށްދީ، ރާއްޖެއަށް ކާމިޔާބު ހޯދައިދިނީތީވެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތަށް މަރުހަބާ ވިދާޅުވެފަ އެވެ.

ޑރ. ޝަހީދު ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިން ވަކިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

އިޓްލޮސް އިން ނިންމީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު ބަހާލި ގޮތެވެ.