އަހްމަދު މުއިއްޒު

ރައީސްގެ ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ބައެއް ނުގެއްލޭ: މުއިއްޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި (ވ)ގައި އަހުމަދު މުއިއްޒު
100%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕީޖީ އަހުމަދު މުއިއްޒު މިހެން ވިދާޅުވީ ރައީސް ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން އެޕްރީލް 28 ވަނަ ދުވަހު ކުރި ހުކުމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމު ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ޗާގޯސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި އިޓްލޮސްއިން އިއްވި ހުކުމަކީ އިގްތިސާދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ގާސިމު އިބްރާހީމު ވިދާޅުވި އެވެ.

"ދިވެހީންނަށް މިފުރުސަތު ގެއްލިގެން ދިއުމުގައި، ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާ ގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުގެ ޤަޟިއްޔާގެ 20 ވަނަ ސަފުހާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވޭ،" ގާސިމު އިބްރާހީމު ވިދާޅުވި އެވެ.

ގާސިމަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވި ކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.

"ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓުރެއިޓާސް

ހެޔަވަރެއްގެ އެއްޗަކަށްނޫނީ މިވަރު އެއްޗެއް ނުބުނާނެ....އުމުރުގެ ބާކީބައިގަ މަސައްކަތް ނުކޮށް އުޅެވޭވަރު ވާނެހެންހީވަނީ...

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910