ގާސިމް އިބްރާހިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިވަޑައިގެންފި

ރާއްޖެއަށް "ގެއްލިފައިވާ" ކަމަށް ބުނާ ކަނޑުގެ ސަރަހައްދުން ހޯދުން އަވަސްކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އެދިވަޑައިގެންފި އެވެ.

ގާސިމް މިކަމަށް އެދިވަޑައިގެންފައި މިވަނީ ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް މޮރިޝަސް އަށް ޗާގޮސް ދޫކޮށްނުލުމަށް އިނގިރޭސީން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޮސްއާ ގުޅޭގޮތުން އިނގިރޭސީންގެ ފަހުގެ ނިންމުމާ ގުޅިގެން މި ދަނޑިވަޅުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައި ދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުމަށް ރައީސް މުއިއްޒަށް ދަންނަވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގާސިމުވެސް ވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން "ގެއްލުވާލި" ކަމަށް ބުނާ ބައި އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ އިނގިރޭސި ދައުލަތުން ފަހުން ނިންމާފައި މިވާ ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ދެކުނުގެ ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު މިހާރު ބޮޑުވެފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި އަލުން ހޯދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ދެވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ." ގާސިމް ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ އެޕްރީލް 28 ވަނަ ދުވަހު އެވެ.

އިޓްލޮސް އިން މިއަހަރުގެ އެޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށް މިހާރު ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ގެންދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ގެއްލުނު ބައި ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވިދާޅުވެފައިވެ އެވެ.