ޓޫރިޒަމް

ރިސޯޓެއްގައި މުވައްޒަފުންނަށް ތުނބުޅި ބަހައްޓަން ފުރަތަމަ ފަހަރަށް ހުއްދަ ދީފި

ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތުނބުޅި ބެހެއްޓުމަކީ ރިސޯޓްތަކުގައި އާންމު ގޮތެއްގައި މަނާ ކަމެކެވެ. އެކަމަކު ތުނބުޅި ބަހައްޓަން ހުއްދަ ދިނުމަށް މުވައްޒަފުން އަބަދުވެސް ރިސޯޓުތަކުގައި މެނޭޖުމަންޓްގައި އެދެމުންދެ އެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތުނބުޅި ބެހެއްޓުމަށް ހުއްދަ ނުދޭތީ އެ ހައްގު ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ދުސިތް ތާނީ މޯލްޑިވްސް އިން މިވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް ހުއްދަ ދީފަ އެެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އަވަސްއާ ވާހަކަ ބުނާ ގޮތުގައި ދުސިތް ތާނީގެ ނިންމުމާ ގުޅިގެން އެހެން ރިސޯޓުތަކުން ވެސް މިގޮތަށް އަމަލުކުރަން މަޖުބޫރުވާނެ އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ މުވައްޒަފުންނަށް ތުނބުޅި ބަހައްޓަން ހުއްދަ ފުރަތަމަ ރިސޯޓު. އަޅުގަނޑުމެން ވަރަށް ބޭނުންވި ހައްގެއް މިއީ،" ދުސިތް ތާނީގައި ރޫމްބޯއީ އަކަށް މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ދުސިތް ތާނީ އަކީ ތައިލެންޑްގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ރިސޯޓެކެވެ.

ދުސިތް ތާނީގައި މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ވަކި އުސޫލަކުން ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މުވައްޒަފުންނަށް އަންގާފަ އެެވެ. އެގޮތުން ތުނބުޅި ބެހެއްޓޭނީ ކަންހުޅިއާއި ގުޅިގެންދާ ގޮތަށް ބޮޑު ތުނބުޅި އެކެވެ. ތުނބުޅި ބެހެއްޓެނީ އަރިމަތިން ދެ މިލިމީޓަރުގެ ދިގުމިނަށެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނާ ގޮތުގައި ރާއްޖޭގައި 170 އަށް ވުރެ ގިނަ ރިސޯޓް ހިންގާއިރު މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓެނީ ސަރުކާރުން އެކަމަށް މާބޮޑު އިސްކަމެއް ދޭން ބޭނުން ނުވާތީ އެވެ. ސަރުކާރުން އެކަމާ ގުޅޭ އުސޫލުތައް ހަދައި އަންގަމުންދާނަމަ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ކަމަށްވެސް މުވައްޒަފުން ބުނެ އެވެ.