އާޒިމާ ޝަކޫރު

އެމްއެެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް ބަލައިގަނެ، ފިޔަވަޅުތައް އަޅާނެ: އާޒިމާ

Feb 3, 2016
1
  • އެ އޮޑިޓް ކުރީ ރައީސްގެ އެދިވަޑައިގަތުމަށް
  • އެއީ ރެކޯޑް އަދަދެއްގެ ކޮރަޕްޝަނެއް
  • ރިޕޯޓަށް ސަރުކާރުން މަރުހަބާ ކިޔާނެ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން،، އޮޑިޓާ ޖެނެރަލްގެ އޮފީހުން އެތަން އޮޑިޓްކޮށް ނެރޭ ރިޕޯޓަށް ސަރުކާރުން ފުރިހަމަޔަށް ބަލައިގަނެ، އެ ރިޕޯޓްގައި ހުރި ކަންކަމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ބެލެވިފައިވާ ކޮރަޕްޝަންގެ އެ މައްސަލައިގެ ރިޕޯޓް ނެރެން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އެ ރިޕޯޓް ނެރުމުން ސަރުކާރުން އަމަލު ކުރާނީ ކިހިނެތްތޯ ދެންނެވުމުން ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އެ އޮޑިޓަކީ ސީދާ ރައީސްގެ އެދިވަޑައިގަތުމަކަށް އެކުލަވާލާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓްގައި މައްސަލައިގެ ކަން ހިނގާފައިވާ ގޮތް ހާމަވާނެ ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ރިޕޯޓަށް ސަރުކާރުން މަރުހަބާ ކިޔައި އޭގައި ހުރި ކަންކަން ފުރިހަމަޔަށް ބަލައިގަންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އެ ރިޕޯޓާ ގުޅިގެން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ. އެކަމަށް ސަރުކާރުން ފަހެއް ނުޖެހޭނެ. އެ ރިޕޯޓަށް ސަރުކާރުން މި އޮތީ މަރުހަބާ ކިޔަން،" އާޒިމާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އޭސީސީގެ ރިޕޯޓް ނެރުމުން އެއަށް ވެސް ފުރިހަމަޔަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދި އެކަމުގައި ޖިނާއީ ތުހުމަތުތައް ކުރެވޭ ފަރާތަކާ މެދު ވެސް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ބުނަނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ރެކޯޑް އަދަދެއްގެ ކޮރަޕްޝަނެއް ކަމަށެވެ. އަދި އެ ރިޕޯޓްގައި ހުރި އަދަދުތައް އަޅައި ކިޔައި އިތުރަށް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން އެތައް ނާޖާއިޒު ހަރަދުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އޮޑިޓެއް ހެދުމަށް އެންގެވީ ހުދު ރައީސް އަބްދުﷲ ޔާމީން އެވެ. އަދި ރައީސް އެދިވަޑައިގަތީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން އެ ކުންފުނީގެ ފުރިހަމަ އޮޑިޓެއް ކުރުމަށެވެ. އެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.