ހަތަރު ފަހަރަށް ގްރެމީ އެވޯޑް ލިބި، ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމްގައި ހިމަނާފައިވާ އޭރޮސްމިތް، އެ ބޭންޑުގެ އެންމެ ފަހުގެ ޓުއާ އިއުލާންކޮށްފި އެވެ.
އޭރޯސްމިތް އިން ނެރުނު ބަޔާނެއްގައި ބުނީ މިއުޒިކީ ދުނިޔޭގައި 50 އަހަރު ހޭދަކުރުމަށްފަހު، 10 ވޯލްޑް ޓުއާގައި 100 މިލިއަން ފޭނުންނަށް ޝޯ ބޭއްވުމަށްފަހު، އަދި އެއްފަހަރު އެކަން ކުރުމުގެ ވަގުތު އައިސްފި ކަމަށެވެ. މިއީ އަލްވަދާއު ކިޔުން ނޫން ކަމަށާއި "ޕީސް އައުޓް"އެއް ކަމަށްވެސް ބުންޏެވެ.
"ތައްޔާރުވެގެން މި ފަރާތަށް ހިނގާލާ. އޭރުން ހަޔާތުގެ އެންމެ މޮޅު ޝޯ ފެންނާނެ،" އޭރޯސްމިތްގެ ސްޓީވަން ޓައިލާ، ޖޯ ޕެރީ، ޓޮމް ހެމިލްޓަން އަދި ބްރެޑް ވިޓްފޯޑް ބަޔާނުގައި ބުންޏެވެ.
![](https://images-01.avas.mv/post/big_WcxR7OsqQPOCmoMSRkYwVOtav.jpg)
މިބަޔާނުގައި މި ބޭންޑުގެ ޑްރަމާ އަދި އޭރޯސްމިތަށް އެ ނަން ދިން މެމްބަރު ޖޯއީ ކްރޭމާ މި ޓުއާގައި ބައިވެރި ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ޖޯއީ އޭނާގެ އާއިލާއަށާއި ސިއްހަތަށް ސަމާލުކަން ދިނުމަށްޓަކައި އެފަދަ ހިތާމަވެރި ނިންމުމެއް ނިންމާފައިވާ ކަމަށާއި ޖޯއީގެ ލެޖެންޑަރީ ޝަހްސު މި ޓުއާގައި ޑްރަމް ކިޓްގެ ފަހަތުގައި ވަރަށް މިސްވާނެ ކަމަށްވެސް ބުންޏެވެ.
ޕީސް އައުޓް ޓުއާއަކީ އުތުރު އެމެރިކާގެ 40 ސިޓީއެއްގައި ބާއްވާ ކޮންސަޓްތަކެކެވެ.
މި އަލްވަދާއީ ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ. އަދި ނިންމާލުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 24، 2024 ގައެވެ.