ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކުޑަކުދިންގެ ބޭހެއް ބޭނުންނުކުރަން އަންގައިފި

ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ސިއްހަތަށް ނުރައްކާވާ ދެ މާއްދާއެއް ހިމެނޭތީ ބޭހެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެލާޓަކާއި ގުޅިގެން އެމްއެފްޑީއޭ އިން ވަނީ އިންޑިއާގެ ކޯފް ސިރަޕެއް ކަމަށްވާ "ގުއައިފެނެސިން ސިރަޕް" ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ސިއްހަތަށް ނުރައްކާވާ މާއްދާތަކެއް ހުރުމުން އިންޑިއާގެ ބައެއް ކުންފުނިތަކުން އުފެއްދި ބައެއް ކޯފް ސިރަޕް ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯ އިން މީގެ ކުރިންވެސް ވަނީ އެލާޓު ނެރެފަ އެވެ. ކޯފް ސިރަޕްގައި ހުރި ސިއްހަތަށް ނުރައްކާވާ ދެ މާއްދާގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވަނީ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި "ގުއައިފެނެސިން ސިރަޕް" އަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް -- އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓްވުމުގެ ފުރުސަތު އޮތުމުން ސަމާލުކަމަށް އެ އޮތޯރިޓީން ވަނީ އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.