ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅަ އެވެ.
އެންމެ ފަހުން ނިސޯބުގެ އަދަދުގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ 7,062.65 ރުފިޔާ އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު މިވަނީ މިއަހަރު ނިސޯބުގެ އަދަދު ދެވަނަ ފަހަރަށް ކަނޑައަޅާފަ އެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،312.55 ރުފިޔާ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 91.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ވަނީ ބަދަލުކޮށްފަ އެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.