ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ބައެއް ދޫކޮށްލާފައިވާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދަނީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފި އެެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު އިއްޔެ ބަހާލި ގޮތެވެ.
އިޓްލޮސްގެ މި ނިންމުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ހިޔާލު ދެކަފި ވެފައި ވަނިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސަރުކާރުން ވަކާލާތު ކުރި ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ރައްޔިތުންނަށް މަރުހަބާ ކިޔާފަ އެވެ.
"މި ނިންމުމަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަށަވަރު ކުރެވި، ދިވެހި މަސް ކަނޑުތަކާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި މި ޕާޓީން ދެކެމެވެ. މި ނިންމުމާ ވިދިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ކަމުގައި މި ޕާޓީން ނުދެކެމެވެ،" ބަޔާނުގައިވެ އެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފާގެ މައްސަލަ އަލުން އދ އަށް ހުށަހެޅިއްޖެނަމަ ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން ރާއްޖެއިން ކުރާ ދައުވާ ދޫކޮށްނުލައި, މޮރިޝަސް އަށް ތާއީދު ކުރައްވާނެ ކަމަށް, ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ. އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނުމަކީ ހަގީގަތާ ހިލާފު ބުނުމެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި އިޓްލޮސް އިން ބަލަމުން އައި މައްސަލައިގައި މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިނގުމާމެދު ރާއްޖެއިން އުފެއްދި ސުވާލަށް، އޭގެކުރިން ޓްރައިބިއުނަލް އިން ގޮތެއް ކަނޑައަޅާފައި ނެތް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނައުމަށް ރައީސް ސޯލިހް ނިންމެވިކަމަށް ވިދާޅުވެ ބައެއް މީހުން ދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށް އަދާލަތު ޕާޓީން ނުދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ގާނޫނު އަސާސީގެ ތިންވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަހައްދު ކަމުގައި ބެލެވޭނީ ދިވެހިރާއްޖޭގެ ބޭސްލައިން އިން ފެށިގެން 12 ނޯޓިކަލް މައިލް ހިމެނޭ ސަރަހައްދަށެވެ. ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ގަބޫލުކުރަން ނިންމުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމެވި ނިންމުމެއް ނޫނެވެ،" ސަރުކާރު ދިފާއުކޮށް ނެރުނު ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ އާންމު އުސޫލުން ބަލާނަމަ ރާއްޖޭގެ ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ދަމައިލެވޭ ސަރަހައްދެކެވެ. މިއުސޫލުން އިންޑިއާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު 1976 ވަނަ އަހަރު އުތުރުގެ އިގްތިސާދީ ސަރަހައްދާ މެދު އެއްބަސްވުމަކަށް އާދެވިފައިވެ އެވެ. ނަމަވެސް 1968 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ އަތްދަށުގައި އޮތް ޗާގޯސްއާ ރާއްޖެއާ ދެމެދު އޮތް ސަރަހައްދުގައި ދެ ގައުމުގެ އިން މިދިޔަ ހުކުރު ދުވަހާ ހަމައަށް ރަސްމީކޮށް ކަނޑައަޅާފައެއް ނުވެ އެވެ. ރާއްޖޭގެ ދެކުނުގެ އިން ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ރާއްޖޭގެ ހައްގު އިތުރަށް ކަށަވަރު ކުރެވި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދިވެހިންނަށް ހާއްސަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ހިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުނު ހަމަތަކަކީ ރާއްޖޭގެ ގާނޫނުތަކާއި ފުށުއަރާ ހަމަތަކެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ބައިނަލްއަގްވާމީ ގާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިޔުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ދެކޭ ކަމަށްވެސް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް އަދާލަތު ޕާޓީން ތާއީދުކުރި ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް އެ ޕާޓީތަކުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.