ރައްޔިތުންގެ މަޖިލިސް

ޒަރީރަށް ދިން ހަމަލާ ދެ ދުވަސް ފަހުން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލިތާ ދެ ދުވަސް ފަހުން މަޖިލީހުގެ އެ ހަމަލާ ކުށްވެރިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަރީރަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާ މިމައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ.

ޒަރީރަށް ދިން ހަމަލާ ވެރިކަން ކުރާ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ޒަރީރަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.

ފުލުހުން ބުނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު ކަމަށެވެ.

ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ ބޯ ފަޅާލާފައިވާތީ ބޮލުގައި ބޭސް އަޅައިގެން ހޮސްޕިޓަލްގައި އިންނެވި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.