ދިވެހި ދައުލަތް ހިންގުމާ މިއަދު ހަވާލުވެ ތިބީ "ސީދާ ދައުލަތުގެ ދުޝްމަނުން" ކަމަށްވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން މިދަނީ ނިމެން ކަމުގައި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މުނައްވަރު މިއަދު ވާހަކަދެއްކެވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިބައްދަލުވުމުގައި ޑރ. މުނައްވަރުގެ އިތުރުން ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންނާއި، ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި، އެމްއެންޕީގެ އިސް ބޭފުޅުންނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަރިހުގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި، ކުރީގެ ފިޝަރީޒް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ނޫސްވެރިންގެ މިބައްދަލުވުމުގައި ކަމާލުއްދީން އިންނެވީ އޯޑިއަންސްގެ ފުރަތަމަ ބަރީގަ އެވެ. ވާހަކައެއް ނުދައްކަވަ އެވެ.
މީގެއިތުރުން ނޫސްވެރިންގެ މިބައްދަލުވުމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނައިބް ރައީސް އައިމިނަތު ނާދިރާއާއި، ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު އިއްޔެ ބަހާލި ގޮތެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރައީސް ސޯލިހްގެ ސަރުކާރުން އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ މުނައްވަރު މިއަދު ވިދާޅުވީ ދިވެހި ދައުލަތް ހިންގުމާ މިއަދު ހަވާލުވެ ތިބީ މިދައުލަތުގެ ދުޝްމަނުންތަކެއް ކަމަށެވެ.
މުނައްވަރު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތް ކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ ސަރުކާރު ހިންގަން ތިބީ "ހަމަ ބައެއް ނޫން" ކަމުގައި ވިދާޅުވެ އިޓްލޮސް އަށް ދިވެހި ސަރުކާރުން ދިޔައީ ކިއްކުރަންތޯ މުނައްވަރު ސުވާލު އެއްސެވި އެވެ. ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އުތުރު ތިލަފަޅާއި ހދ. ހަނިމާދޫވެސް ބޭރު ބަޔަކަށް ދޫކޮށްލަފާނެ ކަމަށް ވިދާޅުވެ އެކަމުގައިވެސް މުނައްވަރު ޝައްކު އުފެއްދެވި އެވެ.
"ދައުލަތުން އެއްބައި ގެއްލުނީމަވެސް ބައްދާ އަތްތިލަ ބަޑިޖަހަނީ. އެހެންވީމާ މި މީހުން އަސްލުގައި ހަމައެއް ނޫނެންނު. ގަމާރީ އެކަންޏެއްވެސް ނޫން،" މުނައްވަރު ވިދާޅުވި އެވެ.
ކަނޑުތަކުގެ ގާނޫނާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މުނައްވަރު ވިދާޅުވީ އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ފަރާތުން މިމައްސަލައިގައި ދެން އަމަލުކުރެވޭނެ ގޮތެއް ބައްލަވަމުން ގެންދަވާ ކަމަށެވެ.
މުނައްވަރު ވިދާޅުވީ މިސަރުކާރު މިދަނީ ނިމެން ކަމަށްވާތީ މިސަރުކާރު ނިމުމާއެކު އިމުގެ މައްސަލައަށް ހޯދޭނެ ހައްލަކީ ކޮބައިތޯ ބަލައި ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތަށް މިމައްސަލައިގައި އިންސާފު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިމައްސަލަ ދެން ފަށާނެ ގޮތް ނޭނގޭނެއޭ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވާނެ. އެ ބޭފުޅުންނަކަށް ނޭނގޭނެ. ކުދިވެރީންނަށް ނޭންގޭނެ. އެކަމަކު އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް މައްސަލަ ބެލޭނެ ގޮތްގޮތް ހުންނާނެއޭ. މައްސަލަ ބަލާނަމޭ. އަދި އިހްމާލުވީ މީހުން ޒިންމާދާރުވެސް ކުރަންޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ ޗާގޮސް ބަލަހައްޓަން މޮރިޝަސް ސަރުކާރުން އިންޑިއާއާ ހަވާލުކޮށްފާނެ ކަމަށް ބެލެވޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖެއަށް ރަސްމީ ދަތުުރުފުޅެއް ކުރެއްވެވީ މިކަމާ ގުޅޭ މަޝްވަރާތަކަކަށް ކަމަށް ވެދާނެ ކަމަށްވެސް މުނައްވަރު ވިދާޅުވެފައިވެ އެވެ.