އެމްއާރުއެމް

އެމްއާރްއެމްގެ އިސް 10 ބޭފުޅަކު ޕާޓީން ވަކިވަނީ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީގެ އިސް 10 ބޭފުޅަކު ޕާޓީން ވަކިވާން ނިންމައިފި އެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާން ނިންމީ ރޭ ބޭއްވި އެމްއާރްއެމްގެ ކައުންސިލް ބައްދަލުވުމަށްފަހު އެވެ. ރޭގެ މިބައްދަލުވުމަކީ އެމްއާރްއެމްގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭތީ އެކަމަށް ހައްލެއް ގެނައުމަށް ޕާޓީގެ ޒައީމު -- ރައީސް މައުމޫން އަބްދުލްގައްޔޫމު ބޭއްވެވި ބައްދަލުވުމެކެވެ.

އެމްއާރްއެމްގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމުގެ މައްސަލައިގަ އެވެ. އެމްއާރްއެމްގެ ކައުންސިލްގެ ތެރޭގައި ރައީސް ސޯލިހަށް ތާއީދުކުރަން ބޭނުން ނުވާ ބޭފުޅުންވެސް އެބަތިއްބެވި އެވެ. ރައީސް ސޯލިހަށް ތާއީދުކުރަން ވަކާލަތުކޮށް އެކަމުގައި ބޮޑަށް ވާހަކަދައްކަނީ ސަރުކާރުގެ އެމްއާރްއެމްގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި އެމްއާރްއެމްގެ ކައުންސިލް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސްއަށް ވިދާޅުވީ ރޭގެ ކައުންސިލް ބައްދަލުވުމަށް ދިޔައިރު މައްސަލަ އިތުރަށް ގޯސްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ސަރުކާރުގެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމް އިން ބައިވެރިވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ސަރުކާރުގެ ވިސްނުމާއި އެމްއާރްއެމްގެ ކައުންސިލްގެ ގިނަ މެންބަރުން ވިސްނުން ދެކޮޅު ކަމަށެވެ. އެހެންވެ އެމްއާރްއެމްގެ އެ މައްސަލައިގައި އެމްއާރްއެމްގެ ވިސްނުމާއި ސިޔާސަތު އޮތް ގޮތް ހާމަކުރަން އެމްއާރްއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެމްއާރްއެމްގެ ކައުންސިލުން ނިންމީ ޕާޓީގެ ވިސްނުން ހާމަކޮށް ޕާޓީން ބަޔާނެއް ނެރެން ނޫނީ ޕާޓީން ޕްރެސް ކޮންފަރެންސެއް ބާއްވަން. އަޅުގަނޑުމެން ވެސް އެގޮތަކާ ދެކޮޅެއް ނޫން. އެކަމަކު އިއްޔެ ކުއްލިއަކަށް ފެނިގެން ދިޔައީ އިދިކޮޅު ޕާޓީތަކާ އެކު އަދި ރިޔާސީ ކެންޑިޑޭޓަކާ އެކު އެމްއާރްއެމްގެ ނައިބް ރައީސް ނާދިރާ އިންނަވާ އެމްއާރްއެމްގެ ނަމުގައި ވާހަކަ ދެއްކެވި ތަން. މައްސަލަ އިތުރަށް ގޯސްވީ އެހިސާބުން،" އޭނާ ވިދާޅުވި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވި ބޭފުޅާ އެމްއާރްއެމްގެ ކައުންސިލްގެ ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ކައުންސިލްގެ ބައެއް ބޭފުޅުން ރައީސް ސޯލިހާ ދެކޮޅު ވަނީ އެއްވެސް އަސާސެއް ނެތް ކަންކަމުގައި ޒާތީ ގޮތުން ކަމަށެވެ. އެހެންކަމުން އެއީ ރައީސް ސޯލިހަށް، ސަރުކާރަށް ޖެއްސުން ކުރުން ކަމުގައި ކައުންސިލްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ގަބޫލުކުރެވޭތީ އެ ބޭފުޅުން ޕާޓީން ވަކިވާން ނިންމީ ކަމަށްވެސް ވިދާޅުވި އެވެ.

އެމްއާރްއެމް އިން ވަކިވާން ނިންމާފައިވާ ބޭފުޅުން

  • ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އިސްމާއީލް ނާއިލް ރަޝީދު
  • ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ފަސީލް
  • ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހީމް
  • ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް އަހްމަދު ސޮފްވާން
  • އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު
  • އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
  • މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު
  • މުހައްމަދު ނަދީމް (މިނިސްޓަރު ޔުމްނާގެ ފިރިކަލުން)
  • އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތު
  • އަބްދުލްޙަމީދު އަހުމަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް އެމްއާރްއެމް، ޖޭޕީ އަދި އަދާލަތު ޕާޓީއަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ރައީސް ސޯލިހަށް ތާއީދުކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެ ޕާޓީން މިހާރު ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ފަސް ޝަރުތެއް ވެސް ހުށަހަޅާފަ އެވެ.

ސަރުކާރުގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ވަޒީރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އެވެ. ޑރ. އިބްރާހީމް ހަސަނާއި ޔުމްނާ މައުމޫން ތާއީދުކުރައްވަނީ ރައީސް ސޯލިހާ އެކު އެމްއާރްއެމް ކުރިއަށް ދިއުމަށް ކަމަށް އެނގިފައިވެ އެވެ.