- އަމާންކަން ގާއިމުކޮށް ގާނޫނުގެ ވެރިކަން ދަމަހައްޓާނަން
- ރާއްޖެއަށް ބޮޑެތި ފައިދާ ލިބޭނެ އެއްބަސްވުންތައް ވަނީ ހެދިފައި
- ތަސައްވުރު ރީތި ކުރަން ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހިފައި
ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދައުވާ އުފުލުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ދާދިދެންމެއަކު ދެއްވި ރިޔާސީ ބަޔާނުގައެވެ.
މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ފުރަތަމަ ފަހަރަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިދާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި ހިޔާނާތްވެފައިވާ ފަރާތަކަށް ފިޔަވަޅު އަޅައި އެ ފަރާތްތަކާމެދު ދައުވާ ކުރުމުގެ މަސައްކަތްމި މި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ހިޔާނާތްތެރިވެފައިވާ ފަރާތްތަކާއި، ދައުލަތުގެ މުދަލާއި ފައިސާއާ ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ފަރާތްތަކާ ގުޅޭގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓްތަކުގެ އަލީގައި އެފަދަ ފަރާތްތަކުގެ އަމަލުތަކާ ގުޅިގެން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި، ފިނޭންސް މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
"ދައުލަތުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ކަމާބެހޭ ކޯޓުތަކުގައި އެފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުމުގެ މަސައްކަތް، ދައުލަތުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދީގެން މި މަހުގެ ތެރޭގައި ފެށިގެންދާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ގާނޫނުގެ ވެރިކަން ދަމަހައްޓައި އަދުލު އިންސާފު ހޯދައިދިނުން
ރައީސްގެ ރިޔާސީ ބަޔާނުގައި އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ މުހިންމު ދާއިރާއަކީ އަދުލު އިންސާފުގެ ދާއިރާ އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަން ދޭ ދާއިރާ ކަމަށެވެ. އެގޮތުން ޖިނާއީ އަދުލުގެ ނިޒާމާއި، މަދަނީ އަދުލުގެ ނިޒާމު ހަރުދަނާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން މިދިއަ އަހަރު ވެސް ގިނަ ލަނޑުދަނޑިތަކެއްވަނީ ހާސިލްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަަދުލު އިންސާފުގެ ދާއިރާއަކީ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ގަދަރު ލިބިފައި އޮތް ދާއިރާއަކަށް ހަދަން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް ކުރެވެންހުރި ކަންތައްތައް ސަރުކާރުން މި ގެންދަނީ ކުރަމުން. އަދުލު އިންސާފު ގާާއިމު ކުރެވޭނީ އެންމެންނާމެދު ހަމަހަމަކަމާއެކު، އެއް އުސޫލަކުން ޢަމަލުކޮށްގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ގާނޫނުގެ ބޭރުން އަދި ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް މީހުން ހިފައި ހައްޔަރުކުރުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަމަށް އަދަބުދޭތީ، ބައެއް ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ފަރާތްތައް ބޭނުންވާ ގޮތަށް އެކަންކަން ހިންގުމަކީ ގާނޫނުގެ ވެރިކަން ބަލިކަށިވެ، މުޖުތަމައުގެ އިންތައް ހަލާކުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ރައީސް ވިދާޅުވި އެވެ:
"އެކަހަލަ ކަންކަން ހިންގުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން،"
ހާރިޖީ ސިޔާސަތު: ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެހެއްޓުން
ރާއްޖެގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތާއި ބައްޓަން ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތުގެ މައްޗަށް ވެސް ރިޔާސީ ބަޔާނުގައި ރައީސް އަލި އަޅުވައިލެއްވެވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު މަގުސަދަކީ ރާއްޖޭގެ މިނިވަންކަމާއި މި ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް ކުރިއެރުވުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް ހެޔޮއެދޭ ގައުމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
"... ރާއްޖެއަށް ލިބިފައިވާ އެހެން ގައުމުތަކުގެ އިހުތިރާމް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެފަރާތްތަކާ ގުޅިގެން މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން" ރައީސް ވިދާޅުވި އެވެ. "މީގެއިތުރުން، ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ކުރިއަރުވައި ރާއްޖެއަކީ އެ ހައްގުތަކަށް އިހުތިރާމްކުރާ ގައުމަކަށް ހެދުން. ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި، ނަގަންޖެހޭ ޒިންމާތައް ނެގުމަށް ބާރުއެޅުން އެއީ މައިގަނޑު ސިޔާސަތު،"
މީގެ އިތުރުން ރައީސް ވިދާޅުީ މިދިއަ 2015 ވަނައަހަރު، ހާރިޖީ ދާއިރާގައ ދިވެހިން ފަހުރުވެރިވާފަދަ ކާމިޔާބީތަކެއް ރާއްޖެ ހާސިލުކޮށްފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ދިވެހި ގައުމުގެ ގަދަރާއި ޝަރަފު މަތިވެރި ކޮށްދިން ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވި އެވެ: "ވޭތުވެދިޔަ އަހަރަކީ ރާއްޖެއަށް އެކިއެކި ރޮނގުތަކުން ބޮޑެތި ފައިދާތަކެއް ހާސިލު ކުރެވޭނެ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު އަހަރެއް. މިގޮތުން، އިންޑިއާ، ޗައިނާ، ޖަޕާން، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ފަލަސްތީނާ އެކީ އެކި އެއްބަސްވުންތަކުގައި ސޮއިކުރެވި ތަންފީޒުކުރަން ވަނީ ފެށިފައި. ހަމައެއާއެކު، ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ތަރައްގީއަށް އދ. އިން އެހީ ދޭނެ ދާއިރާތަކާ ބެހޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރެވިފައި،"
ޓޫރިޒަމަށް ގެއްލުން ދިނުމާއި ރާއްޖޭގެ ނަން ކިލަނބު ކުރުން
ރާއްޖޭ ޓޫރިޒަމްގެ މައްޗަށް އަލި އަޅުވައިލައްވާ ރައީސް ވިދާޅުވީ އެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާއިރު ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންދީ ޓޫރިޒަމް އިނދަޖައްސާލަން ކެނޑިނޭޅި ދިވެހިންގެ ބަޔަކު، މަސައްކަތް ކުރާ ކަމަށާއި އޭގެ ސަބަބުން، ޓޫރިޒަމަށް އަސަރުނުކުރެޔޭ ދެންނެވެން ވެސް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ކަމަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގާނޫނެއް ފާސްކޮށްދިން ނަމަވެސް އެ ގާނޫނުގައި، ގާނޫނީ ގޮތުން ހައްލު ކުރަންހުރި މައްސަލަތަކެއް ބަންޑާރަނާއިބުގެ ފާހަގަކުރައްވާފައިވާތީ އަލުން ވިސްނުމަށް ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ރާއްޖޭގެ ނަން ކިލަނބު ކުރުމާއި ރާއްޖެއަށް ދަތި ކުރަން ކުރާ މަސައްކަތްތަކުގެ ހަގީގަތް ބޭރު ދުނިޔެއަށް ސާފުކޮށް ދިނުމަށް ގިނަ އަދަދެއްގެ ފައިސާ އާއި ވަގުތު ހޭދަ ކުރަން ވެސް ސަރުކާރަށް ޖެހިފައިވާ ކަމަށެވެ.
"ރާއްޖޭގެ ނަން ކިލަނބުކޮށް، ރާއްޖެއަށް ދަތިކުރުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުންގެންދާތީ، ކަންކަމުގެ ހަގީގަތް ސާފުކޮށްދީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާއާއި ވަގުތު ހޭދަކުރަން ސަރުކާރަށްވަނީ ޖެހިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަންކަން އެހެން އޮތް ނަމަވެސް މިދިއަ އަހަރު ޓޫރިޒަމްގެ ދާއިރާއިންވެސް ރާއްޖެއަށް ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލު ކުރެވުނު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.23 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އިރ އެއީ، އޭގެކުރީ އަހަރާ އަޅާބަލާއިރު، 2.4 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިދިޔަ އަހަރު މުޅިން އަލަށް ހަތަރު ރިޒޯޓެއް ހުޅުވިފައިވޭ. އިރާދަކުރެއްވިއްޔާ މިއަހަރު އަލަށް ތިން ރިޒޯޓެއް ހުޅުވޭނެ. އެހެންކަމުން، 2016 ވަނަ އަހަރު އެނދުގެ ޢަދަދު 34,849 އަށް އަރާނެ ކަމަށް ލަފާކުރެވޭ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 1,000 އެނދު އިތުރު އަދަދެއް. ރިޒޯޓް ހެދުމަށް ބޮޑެތި ފަޅުތަކުގައި ރަށް އުފެއްދުމަށާއި، އަދި ބިންހިއްކުމުގެ މަޝްރޫއިތައް ނިންމުން އަވަސްކުރުމަށް ހޮޕާޑްރެޖާއެއް ގަތުމަށް ދައްކަންޖެހޭ ފައިސާ މިހާރުވަނީ ދައްކާފައި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ މުހިންމު ލަނޑު ދަނޑިތައް
ސަރުކާރުގެ މުހިންމު ލަނޑުދަނޑިތަކުގެ މައްޗަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި އިހުތިރާމްކުރާ ބައެއްގެ ގޮތުގައި ދިވެހިންނަށް ތިބެވޭނެ ގޮތް ހަދައި ދިނުމަކީ އެމަނިކުފާނުގެ މުހިންމު އެއްލަނޑުދަނޑި ކަމަށާއި ރާއްޖެއަކީ ބޮޑެތި ޖިނާއީ ކުށްތައް މަދު މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެފައިވާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަކީ ވެސް އިސްކަން ދެއްވާނެ ލަނޑުދަނޑިއެއް ކަމަށެވެ.
"ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިހުތިރާމް ލިބިފައިވާ، އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި އަބަދަށްޓަކައި ދެމެހެއްޓުން. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިގެންދަނީ ކުރަމުން. މި ކަންތައްތައް މިގޮތަށް ކުރުމުގައި ތިޔަ އިއްޒަތްތެރި [މަޖިލިސް] މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުގެ ހިތުގައި އޮތް ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އަމާޒަކީ އަމަން އަމާންކަން ގާއިމްކޮށް ދިނުން
ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަނެއް އަމާޒަކީ، ރާއްޖޭގައި އަމަންއަމާންކަން ގާއިމުކޮށްދީ ރައްޔިތުންނަށް އަމާން މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށާއި 2015 ވަނަ އަހަރަކީ ކުށުގެ ވެށި ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ހާސިލުވި އަހަރެއް ކަމަށެވެ. އެގޮތުން ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރު ހުށަހެޅުނު ވައްކަމުގެ މައްސަލަތައް 21.5 ޕަސެންޓަށް މަދުކުރެވި، ފޭރުމުގެ މައްސަލަތައް 12.3 ޕަސެންޓަށް ދަށް ކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ މާރާމާރީގެ މައްސަލަތައް 11.8 ޕަސެންޓަށް ދަށްކޮށް ކުށް ތަކުރާރުކުރާ މީހުންގެ ނިސްބަތް 21 ޕަސެންޓަށް ދަށް ކުރެވުނު އިރު ކުށުގެ ވެށްޓަށް ވަންނަ ކުޑަކުދިންގެ ނިސްބަތް އަށް ޕަސެންޓަށް ތިރިކުރެވުނު ކަމަށެވެ.