ޣައްސާން މައުމޫން

ތަޅުމުގައި އިހުތިޖާޖު ނުކުރީ ޒިންމާ އަދާކުރަން ކެރޭތީ: ޣައްސާން

ރައްޔިތުންގެ މަޖިލީސް މި ދައުރަށް ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައިނުވަނީ ހަމަޔާ އުސޫލު ގަބޫލުކޮށް ސުލަހަވެރިކަމާއެކު ޒިންމާ އަދާކުރަން ކެރޭތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ތިންވަނަ ރިޔާސީ ބަޔާން އިއްޔެ އިއްވެވިއިރު މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން ނެތެވެ. އެ މެންބަރުން "ރައީސް ޔާމީން މިނިވަންކުރޭ"' ލިޔެފައިވާ ބޮޑު ފޮތިގަނޑެއް ގެންގުޅުމުން އެ މެންބަރުން ތަޅުމަށް ވެއްދުމަށް މަޖިލީހުގެ ރައީސް ދެކޮޅު ހެއްދެވި ކަމަަށް ބައެއް މެންބަރުން ވިދާޅުވިއެވެ. އެ މެންބަރުން ވަނީ މަޖިލީހުގެ ގޯތިތެރޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އަދި ރައީސް ސޯލިހު ވަޑައިގެންނެވި ވަގުތު "ރައީސް ޔާމީން މިނިވަންކުރޭ"' ލިޔެފައިވާ ބޮޑު ފޮތިގަނޑު ހިފައިގެން ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.

ރިޔާސީ ބަޔާން އިއްވެވިއިރު ކާށިދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރު ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. އަދި ރަައީސް ސޯލިހަށްް އަމާޒު ކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހަރުއަޑުން އަޑުގަދަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވެވި ޖަލްސާއެއްގައި އެމްޑީޕީގެ މެންބަރުން އެމަނިކުފާނުގެ ބަޔާނަށް ހުރަސްއަޅާ އަޑުގަދަ ކުރާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ އަގުވެއްޓޭ ގޮތަށް އަމަލު ކުރުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށެވެ. ޕީޕީއެމްގެ މެންބަރުން އިއްޔެ އެގޮތަށް އަމަލު ނުކުރީ ހަމަޔާ އުސޫލު ގަބޫލުކޮށް ސުލަހަވެރިކަމާއެކު ޒިންމާ އަދާކުރަން ކެރޭތީ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"މި ރާއްޖެއަށް އިހުތިރާމް ކުރާތީ. ގައުމަަށް ދެރައެއްވާނެ ޓޫރިޒަމް ބޮއިކޮޓް ކުރުން ފަދަ ކަންކަން ކުރުމަށް ނުގޮވާނެތީ،" އިދިކޮޅުގައި އެމްޑީޕީން އޮތްއިރު އަމަލުކުރި ގޮތް ހަނދާންކޮށް ދެއްވާ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަޕޯޓަރުން އިއްޔެ ވަނީ ރިޔާސީ ބަޔާން ކުރިއަށްދިޔަ ވަގުތު މަޖިލީސް ހިމެނޭ ސަރަަހައްދަށް އެއްވާން މަސައްކަތް ކޮށްފައެވެ. ނަމަަވެސް ފުލުހުން ވަނީ މަޖިލީހާ ގުޅޭ މަގުތަކާއި ގޯޅިތައް މުޅީން ބަންދުކޮށްފައެވެ. އެހެން ކަމުން އިދިކޮޅުގެ ސަޕޯޓަރުން އަޑުއުފުލީ ސޯސަން މަގުގައި ތިބެގެންނެވެ.

އެމްޑީޕީން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ދެ އަހަރެއްގައި ރިޔާސީ ބަޔާން އިއްވި ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. އަދި މަޖިލީހުގައި ދައުރު ފެށުމުގެ ގޮތުން 2015 ވަނަ އަހަރު ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވަރަށް ބޮޑަށް އަޑުގަދަ ކުރައްވާފައެވެ. އޭރު ރައީސް ނަޝީދު ހުންނެވީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން މާފުށީ ޖަލުގައެވެ. އެ ދުވަހު އެމްޑީޕީގެ މެންބަރުން އަޑުގަދަ ކުރާ ބޭނުން ކޮށްގެން ރިޔާސީ ބަޔާނަށް ހުރަސް އެޅިއެވެ. އަދި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އަޑުުއުފުލިއެވެ.

މީގެ އިތުރުން ރައީސް ވަހީދުގެ ވެރިކަމުގެ ދެ އަހަރުގައިވެސް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅިއެވެ. 2012 ވަނަ އަހަރު މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާ މަޖިލީހުގެ ތަކެއްޗަށް ގެއްލުންވެސްވިއެވެ. ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ވަހީދު އެކި ފަަހަރު މަތިން ތަޅުމަށް ވަޑަައިގެން މަސައްކަތް ކުރައްވާ ބަޔާން އިއްވެވުނީ އެތަށް ގަޑިއިރެއްގެ ފަހުންނެވެ. އެ ފަހަރު އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށް އަޑުއުފުލީ ވެރިކަން ބަދަލުވީ ގޮތާމެދު ސުވާލު އުފައްދައެވެ.