ރިޔާސީ ބަޔާން

ގައުމުގައި އަމާންކަން ގާއިމް ކުރުމުގައި ކާމިޔާބު ހޯދިއްޖެ: ރައީސް

Feb 6, 2017
1
  • ކުށްކުރުން ބޮޑުތަނުން ދަށް ކުރެވިއްޖެ
  • ހުރިހާ ކަމެއްގައި ވެސް އިސްކުރާނީ ގައުމުގެ މަސްލަހަތު
  • އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެވިއްޖެ

މި ސަރުކާރުގެ އެންމެ މުހިންމު އަދި އިސްކަން ދޭ އެއް މަސައްކަތަކީ މުޖުތަމައު އަމާންކަން ދެމެހެއްޓުން ކަމަށާއި އެކަމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގައުމުގައި އަމާންކަން ގާއިމް ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ގައުމުގެ ހާލަތާ ގުޅޭ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ އަބުރު ރައްކާތެރިކޮށް، ރައްޔިތުން ހިމާޔަތްކޮށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، ގައުމުގައި އަމަންއަމާންކަން ގާއިމު ކުރުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށެވެ. ރާއްޖޭގެ ކުށްކުރުމުގެ ވެއްޓާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އެދުމަށް ގައުމީ ޔުނިވަސިޓީ އެމްއެންޔޫއިން ހަދަމުން އަންނަ ދިރާސާގެ ނަތީޖާތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި ކުށްކުރާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

މިކަން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ދިވެހިންގެ މެދުގައި އިސްލާމީ ދީނުގެ އަގީދާ އާއި ގައުމީ ރޫހު ވަރުގަދަ ކުރުމުގެ ގޮތުން ސްކޫލް ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ގައުމީ މަޝްރޫއެއް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ވައުދު [މުޖުތަމައުގައި އަމާންކަން ދެމެހެއްޓުމުގެ ވައުދު] ފުއްދުމަށް މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ސަބަބުން، މީގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް އަތުވެއްޖެ،" ރައީސް ވިދާޅުވި އެވެ. " ކޮންމެ ކަމެއްގައި ވެސް އަޅުގަނޑު އަބަދުވެސް އިސްކުރާނީ، މި ލޮބުވެތި ގައުމުގެ މަސްލަހަތުކަން ތިޔަ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިއަދުވެސް ޔަގީންކޮށް އަރުވަން."

ގައުމުގެ އަމާންކަން ގާއިމްކުރުމުގައި ކާމިޔާބު ހޯދުމުގެ އިތުރަށް ދެން ރައީސް ފާހަގަ ކުރެއްވި އެންމެ މުހިންމު އަނެއް ކާމިޔާބަކީ، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ނުހިންގޭ ވަރުގެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް މިިދިޔަ އަހަރު ހިިންގުމެވެ.

އެގޮތުން ރައީސް ފާހަގަ ކުރެއްވި ގޮތުގައި، މިދިޔަ އަހަރު 13 ރަށެއްގެ ބަނދަރު ހަދައި ނިންމި އިރު، 43 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރު ފަށައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، 21 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށައި، އަށް ރަށެއްގައި މަސައްކަތް ވަނީ ނިންމައިފަ އެވެ. މި އަހަރުގެ ތެރޭގައިވެސް 46 ރަށެއްގައި ނަރުދަމާ ނިޒާމު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސާފު ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން 16 ރަށެއްގެ އެ މަޝްރޫއު ފަށައިގަނެވި، 4 ރަށެއްގެ މަސައްކަތް މިދިޔަ އަހަރު ނިންމިކަން ރައީސް ފާހަގަ ކުރެއްވި އެވެ. ބޯފެން ރައްކާ ކުރާނެ ފެސިލިޓީތައް ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން، 86 ރަށެއްގެ މަސައްކަތް މިދިޔަ އަހަރު ކުރިއަށް ގެންގޮސް، 15 ރަށުގެ މަސައްކަތް ނިންމި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 22 ރަށެއްގައި ހިންގި އިރު، 12 މަޝްރޫޢެއްގެ މަސައްކަތް، އެ އަހަރުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ. އަދި 21 ރަށެއްގައި ކުނި ކޮށި އެޅުމާއި މާލޭގައި ކުނި މެނޭޖް ކުރާ ނިޒާމް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށް އިންގިލާބީ ބަދަލެއް ގެނެވުނުކަން ރައީސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން މައި އެއާޕޯޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމަށް 900 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިގަނެވިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި 50 އާ ރިޒޯޓް ހުޅުވުމުގެ ވައުދާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ހަ އަތޮޅަކުން 11 ރިޒޯޓުވަނީ ހުޅުވިފައި ކަމަށެވެ. އަދި 135 ޓޫރިސްޓް ގެސްޓްހައުސް ހުޅުވުނު ކަމަށް ވިދާޅުވި އެވެ. މިއަހަރު ނިމޭއިރު 13 އަތޮޅެއްގައި 25 ޓޫރިސްޓް ރިޒޯޓް ހުޅުވޭނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި 56 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ އިންވެސްޓްމަންޓްކުން 1.483 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު، ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް 4.79 ބިލިއަން ރުފިޔާގެ ފަސް ލޯނެއްގައި ސޮއި ކުރި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު ވެސް އިތުރު ލޯނުތަކެއް ނަގާނެކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އިޤްތިސާދުގެ ހާލަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު އިގްތިސާދު 3.9 ޕަސެންޓްގައި ކުރިއެރި ކަމަށެވެ. އަދި ތަކެތީގެ އަގު، ބޮޑުވި މިންވަރު އިންފްލޭޝަން، 0.4 ޕަސެންޓްގައި ހިފެހެއްޓުނުކަން ރައީސް ވިދާޅުވި އެވެ. އަދި އަމާޒަކީ މިއަހަރު ވެސް ދެ ޕަސެންޓަށް ވުރެ ދަށުގައި އިންފްލޭޝަން ބެހެއްޓުންކަން ވެސް ރައީސް ވިދާޅުވި އެވެ. ބޮލަކަށްޖެހޭ އާމްދަނީ 2016 ގައި 8063 އެމެރިކާ ޑޮލަރުގައި ހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަވަހަށް ފުއްދައިދިނުން. މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު، މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ. ކުރިއަށް އޮތް ތާނގައިވެސް މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ވާގިފުޅާއެކު، ދިވެހި އުންމަތަށް ފާގަތި ދުވަސްތަކެއް މި ސަރުކާރުން ފަހިކޮށްދޭން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު އަރުވަން،" ބަޔާން ނިންމާލައްވަމުން ރައީސް ވިދާޅުވި އެވެ.

ލައިވްބްލޮގް