ރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވަން މި އަހަރުވެސް ދަރުބާރުގެއަށް

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ ފަހެއްގައި ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުން ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ އިރު، މިދިޔަ އަހަރާއި 2016 ވަނަ އަހަރުގައި ވެސް ރިޔާސީ ބަޔާން އިއްވުން ބާއްވާފައި ވަނީ ދަރުބާރުގޭގަ އެވެ. ރިޔާސީ ބަޔާނުގައި މި އަހަރުގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތާއި ދައުލަތުގެ ބައެއް ސިޔާސަތުތަކާއި ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާނެ އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންނާއި އެކި މަގާމްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، މިދިޔަ ތިން އަހަރު ވެސް ރިޔާސީ ބަޔާން އިއްވަން ބޭއްވި ޖަލްސާ އިދިކޮޅު އެމްޑީޕީން ވަނީ ބޮއިކޮޓްކޮށްފަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާއިރު އެ ޖަލްސާގައި އެ ޕާޓީތަކުން ބައިވެރިވާނެ ކަމާމެދު ވަކި އެއްޗެއް އަދި ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް ޖަލްސާތައް އަލުން ފަށަނީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވަ 12 ދާއިރާއެއްގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާ، އެކަން މަޖިލީހަށް އަަނގާފައި ވަނިކޮށެވެ. އަދި އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމާމެދު ސުވާލު އުފެދިގެން ސުޕްރީމް ކޯޓުން އެކަމަށް ޖަވާބެއް ހޯދަން އެ މެންބަރުން ކޯޓަށް ކޮންމެ ދުވަހަކު ދާން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަހެއްގައި ފަށާއިރު، ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މުހިންމު 45 ބިލެއްގެ މަޖިލީހަށް ފޮނުވާނެ ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ބިލުތަކުގެ މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ.