ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހއ. ދިއްދޫ، ހަޒާރުމާގެ، ޔޫސުފް ސިރާޖު ސަސްޕެންޑް ކޮށްފި އެވެ.
ސިރާޖު ސަސްޕެންޑް ކުރީ ވެމްކޯގައި ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވި އެ މައްސަލަ ބަލަން ފެށުމުން އެކަމަށް ހުރަސް އެޅުމުންނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިރާޖު ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ހިނގާ ގޮތަށް ދެ ހަފްތާގެ މުއްދަތަށެވެ. މިމުއްދަތުގައި މަގާމުގެ އެއްވެސް މަސްއޫލިއްޔަތެއް އުފުލުން އޭނާއަށް ވަނީ މަނާކޮށްފަ އެވެ.
ޕީސީބީ އިން ސިރާޖު ސަސްޕެންޑް ކުރީ ތުހުމަތު ކުރެވޭ ބޭފުޅާގެ މައްސަލަ ބެލުމުގައި ސިރާޖުގެ އެއްވެސް ދައުރެއް ނުބޭއްވުމަށް ކުންފުނިން ނިންމާފައި ވަނިކޮށް މައްސަލަ ބަލަމުން ދިޔަ ކޮމިޓީއަށް ސިރާޖު ބަދަލުތަކެއް ގެނައުމުންނެވެ.
ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެމްޑީގެ މަގާމަށް ސިރާޖު އައްޔަންކުރީ ކުރިން ވެމްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު ޕޯސްޓް އޮފީހުގެ އިސްވެރިޔަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ވެމްކޯގެ އެމްޑީގެ މަގާމަކަށް ސިރާޖު އައްޔަންކުރީ އެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަސް ދުވަހުން ފަހުން މިދިޔަ ސެޕްޓެމްބަރު އެއްވަނަ ދުވަހު އެވެ.