ދުނިޔެ

އިންޑިއާގެ އާބާދީ 2064 އާ ހަމައަށް އެއްވާނެއްގައި ކުރިއަރާނެ

ދުނިޔޭގެ އާބާދީ މިހާރު އެންމެ ބޮޑު ގައުމަކީ އިންޑިއާ އެވެ. އެ ޝަރަފު މީގެކުރިން -- އޭޕްރީލް 2023 ގެ ނިޔަލަށް އޮތީ ޗައިނާ އަށެވެ.

އދ. އިން ބުނާ ގޮތުން އިންޑިއާގެ އާބާދީ އެއްވާނެއްގައި 2064 އާ ހަމައަށް ކުރިއަރަމުން ދާނެ އެވެ.

އިންޑިއާގެ އާބާދީ ކަށަވަރުކުރުމަށް 2024 ގައި އެ ގައުމުގެ ރަސްމީ އިދާރާތަކުން ބޯހިމަނާނެ އެވެ. އދ. އިން ބުނި ގޮތުގައި ޗައިނާގެ މައްޗަށް އާބާދީގެ ނިސްބަތުން އިންޑިއާ ކުރިހޯދާފައި މިވަނީ އަންދާޒާކުރެވޭ ތަފާސްހިސާބުތަކަކަށް ބަރޯސާކޮށެވެ.

އެހެންކަމުން 2024 ގައި އިންޑިއާގައި އޮންނަ ބޯހިމެނުމަކީ މި އަދަދުތައް ރަސްމީކުރުމަށް ސަރުކާރުން ވަރަށް މުހިންމުކަން ދޭނެ މަސައްކަތަކަށް ވާނެ އެވެ.

ޗައިނާ އާއި އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް 1970 ގެ ކުރީކޮޅު ދާދި ހަމަހަމަ އެވެ. ޗައިނާގައި ދުޅަހެޔޮ އުފަންވުން ރޭޓުކުރެވިފައި އޮތީ 5.8 ޕަސެންޓްގަ އެވެ. އިންޑިއާގައި 5.5 ޕަސެންޓްގަ އެވެ.

ހަތްދިހައިގެ އަހަރުތައް ނިމެން ދިޔައިރު ޗައިނާގެ އާބާދީ ދަށްވުމުގެ އަލާމާތަތައް ވަނީ ފެންނަން ފަށާފަ އެވެ. މިގޮތުން ޗައިނާގައި އުފަންވާ ނިސްބަތް 2.7 އަށް ވެއްޓި އިންޑިއާ 4.8 ޕަސެންޓާ އެކު ކުރިއަށް އޮތީ ޖެހިފަ އެވެ.

އެހެން ނަމަވެސް، ޖުމުލަ ގޮތެއްގައި ދެ ގައުމުގެ އާބާދީ ވެސް ނިސްބަތުން އޮތީ އަޑިއަޅާފަ އެވެ.

ޗައިނާގައި އާބާދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު އުފަންވާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެން ދިޔަ އެވެ. އަނެއްކޮޅުން އިންޑިއާގައި މިފަދަ ހަރުކަށިކަމެއް ނެތުމުން އެއްވާނެއްގައި އާބާދީ -- އެހެން ނަމަވެސް މަޑު ދުވެއްޔެއްގައި ޗައިނާގެ މައްޗަށް ކުރި އެރީ އެވެ.

އިންޑިއާ އާއި ޗައިނާގެ އާބާދީއަށް އައި މި ބަދަލާ އެކު އިގުތިސާދީ ގޮތުން ދެ ގައުމުގެ ކުރިއެރުމަށް ބަދަލުތައް އަންނާނެ ކަމަށް އދ. އިން ވަނީ އަންދާޒާކޮށްފަ އެވެ.

އިންޑިއާގެ މައްޗަށް އިގުތިސާދީ ގޮތުން ޗައިނާ މިހާރު ކުރިހޯދާފައި އޮތް ނަމަވެސް -- އިގުތިސާދީ ގޮތުން ގަދަބާރަކަށް ވުމަށް އިންޑިއާއަށް ފުރަސަތު ބޮޑު ކަމަށް އދ. އިން ލަފާކުރެ އެވެ.

އާބާދީގައި ޒުވާނުން ގިނަވުމަކީ އުފެންދުންތެރިކަން އިތުރުވާނެ ކަމެއް ކަމަށް ވެސް އދ. އިން ބުނެ އެވެ. އެހެންކަމުން ވާދަވެރި މި ޒަމާނުގައި ރަނގަޅު ކުޅި ރަނގަޅު ވަގުތުގައި އިންޑިއާއިން ކުޅެފި ނަމަ ސިނާއީ މަސައްކަތްތެރިކަން އިންޑިއާގައި ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް އދ. އިން ބުނެ އެވެ.

އާބާދީ އިތުރުވުމަކީ ގައުމަކަށް ބޮޑު ބުރައެއް ނަމަވެސް ރަނގަޅު ޕްލޭނެއް އޮވެއްޖެ ނަމަ މެނޭޖްކުރެވޭނެ ކަމަށް ވެސް އދ. އިން ބުނެ އެވެ.

އދ. އިން ބުނާ ގޮތުން އާބާދީ ރޭވުމުގައި ގައުމުތަކަށް އެ ޖަމާއަތުން އެހީތެރިވާނެ އެވެ.