އާބަންކޯ

ހުޅުމާލޭގެ ދުވާރު މަތީގައި ގޮނޑި މޭޒު އަތުރައިގެން ވިޔަފާރިނުކުރަން އަންގައިފި

ހުޅުމާލޭގައި ޕޭމަންޓް -- ދުވާރު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށް އާބަންކޯއިން އަންގައިފި

އާބަންކޯ އިން ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް ދީފައިވާ ހުއްދައާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައިގެން ކެފޭ ޚިދުމަތް ދެމުންދާ ކަމަށާއި އެކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ ޝަކުވާ ލިބެމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

އާބަންކޯ އިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ހިދުމަތްދެމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

"މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށްވެސް ކުރާ ކަންކަމެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަންދީ، ވިޔަފާރިތަކަށް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި، އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އާބަންކޯ އިން ބުނީ ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ހިދުމަތްތަކަށް ހުއްދަ ދީފައިވަނީ ހުޅުމާލެ އަކީ އެންމެންނަށްވެސް ހިތްހަމަޖެހޭ ބަދަހި މުޖުތަމައެއް އޮންނަ ތަނަކަށް ހެދުމުގެ މަގުސަދު ކަމަށެވެ. ކެފޭތަކާއި، މިފަދަ ހިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން ފާހަގަކުރެވޭތީ އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ މާހައުލަކީ އެންމެނަށްވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް ހުޅުމާލޭގެ މަގުތަކަށް ބަލައިފިނަމަ މަގުތަކުގެ ބޭނުން އާންމުންނަށް އެންމެ އެކަށީގެންވާނެ ގޮތަށް ކުރެވޭނެ މަގުފަހިކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"އޭގެ ތެރޭގައި މަގުތައް ހިޔާވާނެހެން ގަސް އިންދުމާއި، އެކްސެސިބިލިޓީގެ ގޮތުން ބެލިނަމަވެސް، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާނެ އެވެ. އަދި ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މި މަސައްކަތަށް އެންމެންގެ އެއްބާރުލުން ދިނުމަކީވެސް ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." އާބަންކޯ އިން ބުނެފައިވެ އެވެ.