އިންގެލޭންޑް

ޗާލްސް ތަހުތަށް ވެޑުވުން: ދިވެހި ސިފައިންނަށް ޝަރަފެއް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމުގެ ތަހުތަށް ވެޑުވުމަށް ބޭއްވި ރަސްމީ ހަރަކާތްތަކުގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.

ޗާލްސް މިދިޔަ އަހަރު ރަސްކަމަށް އިސްކުރެވުނު އެކަމާ ގުޅޭ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދަނީ މިއަދުން ފެށިގެންނެވެ.

މި ހަރަކާތުގައި ރާއްޖެ ބައިވެރިވަނީ ކޮމަންވެލްތު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބުނު ދައުވަތަކާ ގުޅިގެންނެވެ. މިއަދުގެ ހަރަކާތުގައި ދިވެހި ސިފައިންގެ 11 އޮފިސަރަކު ބައިވެރިވެފައިވެ އެެވެ.

ރަސްގެފާނު ޗާލްސް އަކީ މިހާރު ކޮމަންވެލްތުގެ އެންމެ އިސް ވެރިޔާ އެވެ.

ބޭރު ގައުމެއްގެ ރަސްކަމުގެ ތަހުތަށް ބޭފުޅަކު ވެޑުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އަމަލީގޮތުން ދިވެހި ސިފައިން މީގެކުރިން ބައިވެރިވެފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމުގެ ތަހުތަށް ވެޑުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.