އަރަބި ލީގުގައި ސީރިއާ އަލުން ހިމެނުމަށްޓަކައި މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި އެކްސްޓްރާއޯޑިނަރީ މީޓިންއެއް ބާއްވަނީ އެވެ. މި ބައްދަލުވުމަށް ފަހު ސީރިއާ އަރަބި ލީގުގަށް ވެއްދުމާ މެދު މެމްބަރު ގައުމުތަކުން މިއަދު ވަކި ގޮތެއް ނިންމާނެ އެވެ.
އަރަބި ލީގުގެ ތަރުޖަމާން ޖަމާލް ރުސްދީ ވިދާޅުވި ގޮތުގައި އަރަބި ލީގުގައި ސީރިއާ ހިމެނުމާ މެދު މެމްބަަރު ގައުމުތަކުގެ މެދުގައި ބަހުސްކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންކަމުން މި މައުލޫއަށް ވަކި ގޮތެއް ނިންމުން އަވަސްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރަބި ލީގުން ސީރިއާ ވަކިކުރީ 2011 ގައި ފެށުނު ސީރިއާގެ ދާޚިލާ ހަނގުރާމައިގެ ސަބަބުންނެވެ. ސީރިއާ ސަރުކާރުން އާންމުންނަށް އަނިޔާވެރިވާ ކަމަށް ބުނެ އެ ޖަމާއަތުން ސީރިއާ ވަކިކުރުން މިހާރު ވެފައިވަނީ އިއާދަކުރަން ޖެހިފައި އޮތް މައްސަލަ އަކަށެވެ.
ސީރީއާގެ ދާޚިލީ ހަނގުރާމަ ފެށުމާ އެކު އެ ގައުމުގައި ތިބި އަރަބި ގައުމުތަކުގެ ސަފީރުން ގައުމަށް ގެންދިޔަ އެވެ. އަދި ސީރިއާއާ އެކު ކުރިން އޮތް ގުޅުމުގެ ފެންވަރު ދަށްކުރި އެވެ.
ސީރިއާ އަރަބި ލީގަށް އަލުން ގެނައުމާ މެދު މެމްބަރު ގައުމުތައް އޮތީ ނުތަނަވަސްވެފަ އެވެ. ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި އަލްޖީރިއާ ގަބޫލުކުރާ ގޮތުގައި ސީރިއާއަށް އަލުން ފުރުސަތު ދިނުން އެންމެ ރަނގަޅެވެ. ގަތަރުން މި ޚިޔާލަށް ތާއީދެއް ނުކުރެ އެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ސީރިއާއަށް ވޯޓު ދިނުމުގައި ގިނަ ގައުމުތައް އޮތީ އާނއެކޭ ބުނާ ގޮތަށެވެ. އަދި އަރަބި ލީގަށް ވައްދަށް ބޭނުންވާ ވަަރަށް ސީރިއާއަށް ވޯޓު ލިބޭނެ އެވެ.
އަރަބި ލީގުގައި ރަސްމީކޮށް ހިމެނެނީ 22 މެމްބަރުންނެވެ. މީގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ވެސް ބައެއް ގައުމުތައް ހަރަކާތްތެރިވެ އެވެ.