ރައީސް އަބްދުﷲ ޔާމީން

ފުއްގިރިއާ ގުޅޭ ޝަރީއަތްތައް މަޑުޖައްސާލުމަށް އަމުރުކޮށްފި

May 7, 2023

ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތައް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު މިއަމުރު ނެރުނީ ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ހުށަހެޅި ބައެއް ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުފާން ކޮށްފައިވާތީ އެކަމުގައި ގޮތެއް ނިންމަންދެންނެވެ.

ސުޕްރީމް ކޯޓުން އަމުރުކުރީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލުމަށެވެ.

ރައީސް ޔާމީން ބޭނުންވި ފަދަ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައި މިވަނީ ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުގައި މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އިސްތިއުނާފް އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ގައިދީއަކަށް ވެފައި ކްރިމިނަލް ކޯޓުން މައްސަލަ އަވަހަށް ކުރިއަށް ގެންދަން އުޅޭގޮތުން ވަކީލުންނާ ބައްދަލުކުރައްވައި ދިފާއު ތައްޔާރުކުރުމަށް އެމަނިކުފާނަށް އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. '

ދައުލަތުން ބުނީ މައްސަލަ އަވަސް ކުރުމަކުން ދައުވާ ލިބޭ ފަރާތުގެ ހައްގެއް ގެއްލިގެން ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީން ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ސުއޫދެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.