ފައިސަލް ނަސީމް

ބަންގްލަދޭޝް ރައްޔިތުންގެ ހައްގުތައް ނަގަހައްޓާނަން: ނައިބް ރައީސް

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނައިބް ރައީސް ފައިސަލް ނަސީމު ދެއްވައިފި އެވެ.

ފައިސަލް މިގޮތަށް ވާހަކަފުޅު ދެއްކެވީ ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ރޭ ޖެން މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ ބަންގްލަދޭޝްއަކީ ރާއްޖޭގެ ގައުމީ ތަރައްގީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ގައުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގައި ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންވެ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވިދާޅުވި އެވެ.

ބަންގްލަދޭޝް އަކީ މުއްސަނދި ސަގާފަތަކާއި ތާރީހެއް ލިބިފައިވާ ގައުމެއް ކަންވެސް ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް ރާއްޖެއާއި ބަންގްލަދޭޝް އަކީ އާދަކާދައާއި ސަގާފަތާ އަދި ވިޔަފާރިއާ ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ގައުމުގައި ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ބަންގްލަދޭޝްގެ ތާރީހަށް ބައްލަވާލައްވާ އެ ގައުމުގެ މިނިވަންކަމުގެ ބާނީ -- ބަންގަބަންދު ޝައިޚް މުޖީބުއް ރަހްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާ ތައުރީފް ކުރައްވާފަ އެވެ. 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދިގެން ދިޔައީ ބަންގަބަންދުގެ ލާމަސީލު ލީޑަޝިޕާއި އިންސާފަށް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބް ރައީސް ވަނީ ބަންގްލަދޭޝްގެ މިނިވަންކަން ހޯއްދެވުމުގެ މަސައްކަތުގައި "ކޮންމެ ގެއެއް ކިއްލާއަކަށް ބަދަލުކޮށްދެއްވުމަށް" ވިދާޅުވެ 1971 ވަނަ އަހަރުގެ މާޗް މަހުގެ ހަތްވަނަ ދުވަހު ބަންގަބަންދު ދެއްކެވި ވާހަކަފުޅު ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ސެޕްޓެމްބަރު 22، 1978 ގައެވެ.

ބަންގްލަދޭޝް ރައްޔިތުންގެ ހައްގުތައް ނަގަހައްޓާނެ ކަމުގައި ނައިބް ރައީސް ވިދާޅުވެފައި މިވަނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނާ މެދު ލާއިންސާނީ އަމަލުތައް ހިނގާ ކަމަށް ބައެއް އިދާރާތަކުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވަނިކޮށެވެ.