ގާސިމް އިބްރާހިމް

އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީން ދީފި އެވެ.

ޖުމްހޫރީ ޕާޓީން މިފަދަ ޔަގީންކަމެއް ދީފައި މިވަނީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން ގާސިމްގެ ފަރާތްޕުޅުން ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް މިވަގުތު އެއްވެސް މަސައްކަތެއް އާންމުންނަށް ފެންނަ ގޮތަށް ކުރިއަށް ނުދާތީ ބައެއް މީހުން ގާސިމާ ދޭތެރޭ ތަފާތު ގޮތްގޮތަށް ވާހަަކަދައްކަމުންދާ ވަގުތެއްގަ އެެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްވި ޔަގީންކަމަކީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމުގެ ޔަގީންކަމެވެ.

"އޭގެ ކަށަވަރުކަން އަޅުގަނޑުމެންގެ ލީޑަރު އަޅުގަނޑުމެންގެ ކެންޑިޑޭޓް މިއަދު އެ ދެއްވީ. އޮނަރަބަލް ގާސިމް އިބްރާހީމް ވަރަށް ސާފުކޮށް އެ ވިދާޅުވީ ތިމަަންނަ ރޭހުގައި ހުންނަވާނަމޭ. ތިމަންނަ ނިކުންނަން ޖެހެނީ އެކަނިމާއެކަނި ކަމަށްވިޔަސް ތިމަންނަ އިރާދަކުރެއްވިއްޔާ މިފަހަރުގެ ރޭހުގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއޭ،" ޖޭޕީގެ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވާ ގާސިމް ދެއްވެވި ޔަގީންކަން ހިއްސާކުރައްވަމުން އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕޭން އަދި ރަސްމީކޮށް ނުފެށި ނަމަވެސް ޕާޓީގެ އެތެރޭގައި ކެމްޕޭންގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެ މައުލޫމާތު ނުލިބޭނަމަ ބައެއް މީހުންނަށް ސުވާލު އުފެދޭ ކަންތައްތަކެއް ހުރުން އެކަށީގެންވާ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެތޯ ބައެއް މީހުން ޝައްކު އުފައްދަނީ ޖުމްހޫރީ ޕާޓީއާ ގުޅެން ބޭނުންވާ މީހުން ފަހަތަށް ޖެއްސުމަށް ނުވަތަ ހުއްޓުވުމަށް ނުވަތަ ގާސިމަށް ތާއީދުކުރާ މީހުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ މަގުސަދެއްގައި ކަމަށްވެސް އަމީން ވިދާޅުވި އެވެ.

"އެހެންވީމާ ގާސިމް އިބްރާހީމް މިފަހަރުގެ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމާ ދޭތެރޭގައި ނުވަތަ ފެނުމާ ދޭތެރޭގައި އެއްވެސް ބޭފުޅަކު ޝައްކު ނުކުރައްވާ. އެމަނިކުފާނު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނެ. އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމާ އެކީގައި މިފަހަރުގެ ރޭސް އެމަނިކުފާނު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކާމިޔާބުވެސް ކުރައްވާނެ،" އަމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވާފަ އެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން"ގައި ހިމެނޭ ބޭފުޅުންނާ އެކު ވެސް ގާސިމް ގެންދަވަނީ މަޝްވަރާތައް ބާއްވަމުންނެވެ. ނަމަވެސް އަދި އެއްވެސް ޕާޓީއަކުން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.