ފިނިޕޭޖް

ރަސްގެފާނު ޗާލްސްގެ ދެކަނބަލުން އެމެރިކަން އައިޑަލްއަށް

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތް މިދިޔަވ ސެޕްޓެމްބަރު މަހު އަވަހާރަވުމާ ގުޅިގެން އޭރު ވަލީއަހުދުގެ ގޮތުގައި ހުންނެވި ޗާލްސް ވަނީ ރަސްގެފާނު ކަމާ ހަވާލުވެވަޑައިގެންފަ އެވެ. އަދި މިދިޔަ ހަފްތާގައި ޗާލްސް ވަނީ ރަސްމީކޮށް އިނގިރޭސި ތަހުތާ ހަވާލުވެވަޑައިގެންފަ އެވެ.

މި ތާރީހީ އަދި ކުލަގަދަ މުނާސަބަތާއި އެކަމާ ގުޅޭ ހަފްލާތަކުގެ ތެރެއިން، ރަސްގެފާން ޗާލްސްއާއި އަނބިކަނބަލުން ރާނީ ކެމީލާ ވަނީ އެމެރިކަން އައިޑަލްގައި ބައިވެރިވެފަ އެވެ.

އިނގިރޭސިވިލާތުގެ ވިންޑްސާ ގަނޑުވަރުގައި އޮތް ކޮންސާޓްގައި އެމެރިކަން އައިޑަލްގެ ޖަޖުންގެ ތެރެއިން ލިއޮނަލް ރިޗީ އާއި ކޭޓީ ޕެރީ ބައިވެރިވެފައިވެ އެވެ.

އެމެރިކަން އައިޑަލް އާއި ޝާހީ އާއިލާގެ އިންސްތަގްރާމްގައި ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާ އެމެރިކަން އައިޑަލްގައި ބައިވެރިވުމަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް ހިއްސާކޮށްފައިވެ އެވެ.

މި ވީޑިއޯ ކްލިޕްގައި ފެންނަނީ ލިއޮނަލް އާއި ކޭޓީ ވިންޑްސާ ގަނޑުވަރުގައި އޮތް ކޮންސާޓް ނިންމުމަށްފަހު، ވީޑިއޯ މެދުވެރިކޮށް އެމެރިކަން އައިޑަލް ޝޯއަށް އަންނަ ތަނެވެ. އަދި ޝޯއަށް ތަފާތު ކަމެއް ގެނެސްދިނުމުގެ ވާހަކަ ދައްކަމުންގޮސް، ލިއޮނަލް ފަހަތަށް ޖެހިލާފައި ކެޓީ އެނބުރިލާއިރު، ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާ ވަޑައިގަންނަވާ މަންޒަރު ފެނެ އެވެ.

ސަމާސާ ރާގަކަށް ލިއޮނަލްގެ "އޯލްނައިޓް ލޯންގ" ލަވައަށް އިޝާރާތްކުރައްވަމުން، މި ކޮޓަރި ކިހާއިރެއް ވަންދެން ބޭނުންކުރާނެތޯ ޗާލްސް ސުވާލުކުރައްވަ އެވެ. ދެ ލަވަކިޔުންތެރިންގެ ޕާފޯމަންސްވެސް ވަރަށް މޮޅުކަމަށް ވިދާޅުވެ، ޝުކުރު ވެސް އަދާކުރައްވަ އެވެ.

ލިއޮނަލް އާއި ރަސްގެފާނު ޗާލްސް ޖެހިގެން ހުރި ތަނުގައި ޕާޓީއެއްގެ ވާހަކަ ދައްކަމަން، ރަސްގެފާނު ޗާލްސް ވިދާޅުވަނީ އެ ޕާޓީގެ ވާހަކަ އަޑުއިވިއްޖެތޯ އާއި އެ ޕާޓީއަށް ގެންދަންވީ ކަމަށާއި އެކަމަކު ލިއޮނަލްމެން އެހެން ކަންކަމާއިގެން ބިޒީ ކަމަށް ބުނެ އެވެ. ޖަވާބުގައި މިކަން ހަމަ ނިމޭއިރަށް ޕާޓީއަށް ދާނެ ކަމަށް ލިއޮނަލް ބުނެ އެވެ. އަދި ރަސްގެފާނަށް ޝުކުރުއަދާކުރެ އެވެ.

މިއީ ބެލުންތެރިން މުޅިން ހައިރާންކޮށްލި ކަމެކެވެ. ސަބަބަކީ އެފަދަ ޝޯއެއްގައި ރަސްގެފާނު ބައިވެރިވެވަޑައިގަތުމެވެ.

ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން ކޮންސާޓްގައި ޕާފޯމްކުރުމަށް ލިއޮނަލް އާއި ކޭޓީ އިނގިރޭސި ވިލާތަށް ގޮސްފައިވާއިރު، ވަގުތީ ޖަޖުންގެ ގޮތުގައި އެމެރިކަން އައިޑަލްއިން ފެނުނީ އެޑް ޝީރެން އާއި އެލާނިސް މޮރިސެޓް އެވެ. މި ދެ ލަވަ ކިޔުންތެރިން އެމެރިކަން އައިޑަލްގައި ޕާފޯމްވެސް ކުރި އެވެ.