ސްރީލަންކާ

ލަންކާއަށް ޑްރަގު އެތެރެކުރި ދިވެއްސެއް ހަތް އަހަރަށް ޖަލަށް

ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވި ދިވެއްސަކު ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މިއަދަބު ލިބިފައިވަނީ ޒިދާން އިބްރާހިމް ނަމަކަށް ކިޔާ ދިވެއްސަކަށެވެ.

ޒިދާން އަށް ދައުވާކުރީ މޭ 16، 2018 ގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ ލަންކާއަށް އެތެރެކުރުމުގެ ކުށުގަ އެެވެ.

ލަންކާގައި އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ދޭހިވާލާގެ ނެދިމާލާއިން އޭނާ ހައްޔަރުކުރީ ލަންކާގެ ސްޕެޝަލް ޓާސްކްފޯސް އޯގަނައިޒްޑް ކްރައިމް ޑިވިޒަނުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އާއި ވިސާގެ މައްސަލަތަކުގައި މީގެކުރިން ވެސް އެތައް ދިވެއްސަކު ހައްޔަރުކޮށްފައިވެ އެވެ.

މިފަދަ މައްސަލަތައް ލަންކާގައި އިތުރުވުމާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން އެ ގައުމުގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްްގޮތަށް އަމަލުކުރުމަށްވެސް މީގެކުރިން ދިވެހި ސަރުކާރުން އިލްތިމާސްކޮށްފައިވެ އެވެ.