އިމިގްރޭޝަން

ޕާސްޕޯޓު ހައްދަން ހުށަހަޅާ އަދަދު ދެ ގުނަ އިތުރުވެއްޖެ

ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހައްދަން ހުށަހަޅާ އަދަދު ދެ ގުނަ އިތުރުވެއްޖެ އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި މިދިޔަ މަހު އެވަރެޖުކޮށް ދުވާލަކު 160-170 ޕާސްޕޯޓު ހުށަހެޅެމުން ދިޔަ އެވެ. ނަމަވެސް މިދިޔަ ހަފުތާ ފެށުނުފަހުން މިހާރު އެވަރެޖުކޮށް ދުވާލަކު 290-300 ޕާސްޕޯޓު ހުށަހެޅޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕާސްޕޯޓު ހައްދަން ހުށަހަޅާ މިންވަރު އިތުރުވެފައިވާއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު ހުށަހެޅޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕާސްޕޯޓު ހައްދަން ހުށަހަޅާ އަދަދު އިތުރުވެފައިވާއިރު ސްކޫލުތަކުގެ ދެވަނަ ޓާމު ކިޔެވުމަށްފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށޭނީ ޖޫން މަހު އެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހައްދަން ހުށަހަޅާ އަދަދު ފާއިތުވި އަހަރުތަކުގައިވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުވެސް ސްކޫލުތަކުގެ ބޮޑު ޗުއްޓީއާއި އަލްހާ އީދު ބަންދުގެ ދުވަސްތަކާއި ދިމާކޮށް މިދިޔަ އަހަރުވެސް ޕާސްޕޯޓް ހެއްދުމަށް ވަރަށް ގިނަ ބަޔަކު އެއްފަހަރާ ހުށަހެޅި އެވެ.