ފެމިލީ ކޯޓް

ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގައި 41 ޕަސަންޓު ކުރިއެރުމެއް

ފެމިލީ ކޯޓުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމުމުގައި 41 ޕަސަންޓުގެ ކުރި އެރުމެއް ހޯދައިފި އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމުމަށް އެވަރެޖުކޮށް 34 ދުވަސް ހޭދަވި އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމުމަށް ހޭދަވެފައިވަނީ 20 ދުވަސް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

"މިއީ މައްސަލަތައް ހައްލުކުރުމަށް ސުލްހަ މަރުހަލާގައި ހޭދަވާ މުއްދަތާއި ހަޟާނަތުގެ މައްސަލަތައް ފަދަ އާއްމުކޮށް ގިނަ ދުވަސްތައް ހޭދަވާ މައްސަލަތައް ވެސް ހިމެނޭހެން އެވްރެޖުކޮށް ހޭދަވި މުއްދަތު،" ފެމިލީ ކޯޓުން ބުނެފައިވެ އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި މިދިޔަ ތިން މަހު އެ ކޯޓުން އެންމެ އަވަހަށް ނިންމީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހުށަހެޅުނު މައްސަލަތަކެވެ. އެ ފަދަ މައްސަލަތައް އެވަރެޖުކޮށް ހަ ދުވަސް ތެރޭގައި ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެ އެވެ.

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާފައިވާ މައްސަލަތައް އެވަރެޖުކޮށް އަށް ދުވަސް ތެރޭގައި ވަނީ ނިންމާފަ އެވެ.