މޯލްޑިވިއަން އައިޑޮލް

މިރޭ އޮތީ ތިއޭޓާ ރައުންޑް: ހިތްތައް ކުދިކުދިކޮށްލާނެ ރެއެއް!

މޯލްޑިވިއަން އައިޑޮލްގެ އާ އެޕިސޯޑެއް އަންނާނެ އިރަކަށް އިންތިޒާރުކުރަމުން ގެންދާ ނަމަ މި ޝޯގެ އެޕިސޯޑަކަށް އިންތިޒާރުކުރަން މިއަށް ވުރެ ވަކި ރަނގަޅު ހިސާބެއް އަންނާނެހެނެއް ހީއެއް ނުވެ އެވެ. ސަބަބަކީ މިރޭ ފަށާ ތިއޭޓާ ރައުޑް ނުވަތަ މި ޝޯގެ ދެ ވަނަ ބުރާ އެކު ޝޯގެ މުޅި މަންޒަރާއި އަޑާއި އެއިން ފެންނަން ތިބިހާ ބަޔަކު ވެސް އެއްކޮށް ބަދަލުވެގެން ދާނެތީ އެވެ.

ތިއޭޓާ ރައުންޑް ފަށާއިރު މިއީ ކިހިނެތްވާ ރައުންޑެއްތޯ އެންމެ ފުރަތަމަ ބަލައިލަމާ ހިނގާށެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ރާއްޖޭގެ ފަސް ސަރަހައްދަކުން ގާތްގަނޑަކަށް 600 އެއްހާ މީހުން ބައިވެރިވިއިރު އޭގެ ތެރެއިން ފުރޭނިގެން ތިއޭޓާ ރައުންޑަށް ގޯލްޑެން ޓިކެޓް ލިބުނީ ގާތްގަނޑަކަށް 45 ކުދިންނަށެވެ. އެހެން ނަމަވެސް ދިމާވި ބައެއް ހާލަތްތަކެއްގެ ސަބަބުން ތިއޭޓާ ރައުންޑުން މިރެއާއި މާދަމާ ރޭ ބެލުންތެރިންނަށް ފެންނާނީ 41 ލަވަކިޔުންތެރިންނެވެ.

އެއީ 30 ފިރިހެން ކުދިންނާއި 11 އަންހެން ކުދިންނެވެ.

ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ ގޯލްޑެން ޓިކެޓް ލިބި ޝޯގައި އިތުރަށް ބައިވެރިނުވެވުނު ކުދިންނަށް ދިމާވި ގޮތް ޝޯގައި ކިޔައިދޭނެ ކަމަށެވެ.

ތިއޭޓާ ރައުންޑަކީ ފުރަތަމަ އޮޑިޝަނާ ހިލާފަށް ސްޓޭޖެއްގައި ކުރިއަށް ދާ ރައުންޑެކެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލް އިން މި ސްޓޭޖެއް ގާއިމުކޮށް ހަތަރު ދުވަސް ތެރޭގައި ތިއޭޓާ ރައުންޑް ޝޫޓްކޮށްފައި ވަނީ ދަނގެތީގަ އެވެ. މި ރައުންޑުގައި ބައިވެރިން ލަވަ ހުށަހަޅައި ދޭނީ ޓްރެކަށް އަދި ލައިވް މިއުޒިކަށެވެ.

މިރެއާއި ހޮނިހިރު ދުވަހުގެ ޝޯއާ އެކު ތިއޭޓާ ރައުންޑް ނިމުމަކަށް އަންނައިރު އާދަޔާހިލާފު އެތައް އެތައް ކަމެއް ފެނިގެންދާނެ ކަމަށް ޝޯގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. އަދި އެތައް ބައެއް ހިތްތައް ކުދިކުދިވެގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ. ސަބަބަކީ ހޮނިހިރު ދުވަހުގެރޭ މި ރައުންޑް ނިމުމަކަށް އަންނަނައިރު ދެން ކުރިއަށް އޮތް ޕިއާނޯ ރައުންޑަށް ހޮވޭނީ މި 41 ކުދިންގެ ތެރެއިން 22 ކުދިން ކަމުގައިވާތީ އެވެ.

ޔަގީނަށް ވެސް ޝޯއިން ކަޓައިގެންދާ ކުދިންގެ ހިތްތައް ފަޅައިގެންދާނެ ރެއަކަށް މިރެއާއި ހޮނިހިރު ދުވަހުގެ ރޭ ވާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓީމުން ބުނަނީ ކުރިއަށް އޮތް ތިއޭޓާ ރައުންޑަކީ މިހާތަނަށް ޝޯގައި ކުރިމަތިވި އެންމެ ބުރަ މަސައްކަތް ކަމަށާއި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"އައިޑޮލްގެ އެއްވެސް މަސައްކަތެއް ހިތްހަމަނުޖެހިއެއް ނުދޭ ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް،" ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އައިޑޮލް ޓީމުގެ ފަހުލަވާނުން ބުނަނީ މިހެންނެވެ.