ހުޅުމާލެ

ހުޅުމާލޭގެ މާސްޓާ ޕްލޭން ބަދަލުކޮށް އަނެއްކާވެސް ބިން ހިއްކަނީ

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު ގެނެސް ހުޅުމާލޭގައި ކުރޫޒް ޓާމިނަލް ހަދަން ހާއްސަ ކޮށްފައިވާ ސަރަހައްދުގެ ބިން ހިއްކުމަށް ނިންމައިފި އެވެ.

ސަރުކާރުން މިކަމުގައި ރަސްމީކޮށް ވާހަކަ ނުދެއްކި ނަމަވެސް ސަރުކާރުގެ ބައެއް އޮފިޝަލުންގެ ފަރާތުން އަވަސްއަށް މިކަން ވަނީ ޔަގީންކުރެވިފަ އެވެ.

ހުޅުމާލެ އިން ހިއްކަން ތައްޔާރުވަމުންދާ ސަރަހައްދަކީ ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި މާސްޓާ ޕްލޭންގައި ހިމެނި ސަރަހައްދެކެވެ. އަދި އެ މަސައްކަތަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް އާބަންކޯ އިން ކުރިން ބުނެފައިވެ އެވެ.

ހިއްކަން ނިންމާފައިވާ ސަރަހައްދަކީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ހަދާފައިވާ ބްރިޖުތަކުގެ ހުޅަނގު އުތުރުކޮޅަށްވާ ގޮތަށް އޮންނ މުޅި ފަޅެވެ. އެ ސަރަހައްދު ހިއްކާއިރު ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް އަދި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށި ވެސް އެކީއެކަށް ހިއްކިގެންދާނެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބިން ހިއްކުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ގާތްގަނޑަކަށް 17 ހެކްޓަރުގެ ބިމެއް ހިއްކަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު އެ މަސައްކަތް ފެށުމުގެ ގާތްގަނޑަކަށް ފަހު މަރުހަލާތައް އެ އުޅެނީ. ރައީސްގެ ގޯތި ދޫކުރުމުގެ ވައުދު ފުއްދުން މިބިމުގެ މައިގަނޑު ބޭނުމަކީ،" އޭނާ ވިދާޅުވި އެެވެ.

ހުޅުމާލޭގެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ މިހާރު ގިނަ އަދަދެއްގެ ސަފާރީ ބަނދަރުކުރާ ސަރަހައްދަކެވެ. ސަފާރީތަކާ މެދު ސަރުކާރުން އަމަލުކުރަން ވިސްނާފައި އޮތް ގޮތެއް އަދި ސާފެއް ނުވެ އެވެ. މާލެއާ ކައިރިން ސަފާރީތައް ބަނދަރުކުރަން ބަނދަރެއް ހެދުމަށް ފަޅެއް ދިން ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައެއް ނުވެ އެވެ.