ނަޝީދަށް އަމާޒު ކުރި ހަމަލަ

ތަހުމީނަށް ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދަށް ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބް، ތަހްމީނަށް ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވީ ތަހްމީންގެ ވަކީލެއްގެ ގޮތުގައި މައްސަލައާއި މިހާރު ހަވާލުވެ ހުންނެވި ހަމްޒާ ލަތީފް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ހަމްޒާ ވިދާޅުވީ ތަހްމީނުގެ ވަކީލެއްގެ ގޮތުގައި ކުރިން ހުންނެވި ވަކީލަށް ދިފާއީ ހެކި ހުށަހެޅުމަށް ކޯޓުން ދިން ފުރުސަތުގައި އެކަން ކުރެވިފައި ނެތް ނަމަވެސް އޭނާ މައްސަލައާ ހަވާލުވެފައިވާތީ އެ ފުރުސަތު ބޭނުންވާ ކަމަށެވެ.

ދައުލަތުން އެކަމަށް އިންކާރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ދައުލަތުން ވެސް އަދި މައްސަލަ ބައްލަވާ ގާޒީ ވެސް ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ތަހުމީނަށް ކުރިން ދިން ފުރުސަތުގައި ވަކީލުގެ އިހްމާލުން އެކަން ނުވެ އޮތް ކަން ފާހަގަކުރައްވާފަ އެވެ. އަދި ތަހުމީންގެ ވަކީލު އެދުނު ގޮތަށް ދިފާއީ ހެކި ހުށަހެޅުމަށް ފުުރުސަތު ދިނުމަށްފަހު ދައުވާ ލިބޭ އެހެން މީހުންގެ ބައި މިއަދު ވަނީ ނިންމާލާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ވަަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހެއްގެ ޝަރީއަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މިއަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ހުކުމު ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގައި މި މައްސަލަތައް ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރެއިން ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދު ފިޔަވާ އިތުރު މީހަކަށް އަދި ހުކުމްކޮށްފައެއް ނުވެ އެވެ. އަދުހަމް ކުށަށް އިއުތިރާފް ވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ ތަހްމީންގެ އިތުުރުން މ. ކުދެހިގެ، އިސްހާގުއާއި، މއ. ފޭރުގެ، މުޖާޒް އަހްމަދާއި، އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހްމީ އަލީ އާއި، ނ. މަނަދޫ ނޫރިގެ، އަލީ ހައިޝަމް އަދި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު އެވެ.

މި މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.