އެމްޓީސީސީ

އެމްޓީސީސީ އަށް ގެންނަ ޒަމާނީ ޑްރެޖަރު މިއަހަރު ފަހުކޮޅު ލިބޭނެ

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް ޑްރެޖަރެއް ގަތުމަށް ސަރުކާރުން މިހާރު ފައިސާ ދައްކާފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި އެ ޑްރެޖަރު ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީ އިން ގަންނަ ޑްރެޖަރަށް މިހާރު ފައިސާ ދައްކައިފަވާ ކަމަށާއި މިއަހަރު ފަހު ކޮޅު ޑްރެޖަރު ލިބޭނެ ކަމަށެވެ.

"ރިސޯޓް ހެދުމަށް ބޮޑެތި ފަޅުތަކުގައި ރަށް އުފެއްދުމަށް، އަދި ބިންހިއްކުމުގެ މަޝްރޫޢުތައް ނިންމުން އަވަސްކުރުމަށްޓަކައި ހޮޕަރ ޑްރެޖަރ ގަތުމަށް ދައްކަންޖެހޭ ފައިސާ މިހާރުވަނީ ދައްކައި ނިންމާފައި. އިންތިޒާރު ކުރެވޭގޮތުގައި މިއަހަރު ފަހުކޮޅު އަޅުގަނޑުމެންނާ ހަމަޔަށް މި ޑްރެޖަރ އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ އެ ކުންފުނިން ގެންނަ ހޮޕަ ޑްރެޖަރަކީ ދެ ދުވަހުން ހެކްޓަރެއްގެ ބިން ހިއްކޭވަރު ބޮޑު ޑްރެޖަރެއް ކަމަށެވެ. އަދި އެއީ ބިން ހިއްކުމަށް ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެންމެ ޒަމާނީ ބާވަތުގެ ޑްރެޖަރެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހޮޕަ ޑްރެޖަރަކީ ބިން ހިއްކުމުގެ މަސައްކަތްތައް ރާއްޖޭގެ ކުންފުންޏަކުން މިހާތަނަށް ގެންނަ އެންމެ ބޮޑު ޑްރެޖަރެވެ.