މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ޔޫތު ވިންގު ލީޑަރު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޔޫތު ވިންގު ލީޑަރުގެ ގޮތުގައި ހުންނެވި އާއިޝަތު އިޔާދު ކުއްލި ގޮތަކަށް އެމްއެންޕީން ވަކިވެވަޑައިގެންފި އެވެ.

އެމްއެންޕީގެ ޔޫތު ވިންގު ލީޑަރު ކަމަށް އިންތިހާބުވެ އާއިޝަތު އިޔާދު މަގާމުން ފުރުއްވަމުން ގެންދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެންނެވެ.

އެމްއެންޕީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ޝިނާޒު އަހްމަދަށް އެޑްރެސް ކުރައްވާ އާއިޝަތު އިޔާދު މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާ އަދާކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވާ، މިއަދުން ފެށިގެން ޕާޓީން ވެސް ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަދި އަޅުގަނޑުގެ އިސްތިއުފާ ގަބޫލުކުރައްވާ ޕާޓީ އިން ވަކިކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވައި ދެއްވުމަށް އެދެމެވެ،" ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ އާއިޝަތު އިޔާދުގެ ނިންމެވުމަކީ މިވަގުތު އެމްއެންޕީގެ އެތެރޭގެ ކަންކަން ހުރި ގޮތުން އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަދާނުކުރެވޭތީ އޭނާ އަށާއި އެމްއެންޕީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އޭނާ އިސްތިއުފާ ދެއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްއެންޕީ އުފެއްދި ފަހުން އެ ޕާޓީގެ ލީޑަޝިޕްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު މައްސަލަތަކެއްގެ ތެރެއިން މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.