ފައިސަލް ނަސީމް

ނައިބް ރައީސް ބަންގްލަދޭޝްއަށް ފުރާވަޑައިގެންފި

ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމު ބަންގްލަދޭޝް އަށް ފުރާވަޑައިގެންފި އެވެ.

މި ކޮންފަރެންސް އޮންނާނީ ކުރިއަށް އޮތް ހުކުރާއި ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ.

މި ކޮންފަރެންސްގައި ނައިބް ރައީސް ބައިވެރިވެވަޑައިގެން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މި ކޮންފަރެންސްގެ މި ފަހަރުގެ ޝިއާރަކީ "ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްހައާއި ފާގަތިކަން އަދި ބައިވެރިވުން" މި ޝިއާރެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާވެސް ނައިބް ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.