ހަބަރު

އެމްޑީޕީއިން އަދީބަށް ވެސް މަރުހަބާ ކިޔައިފި

އިދިކޮޅު އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ނިންމެވި ނިންމުމަށް އެމްޑީޕީއިން މަރުހަބާ ކިޔައިފި އެވެ. އަދީބު އެމްޑީޕީއާ ގުޅުނީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވަން ކަމަށް ވިދާޅުވެ އެވެ.

އަދީބުގެ ނިންމުމާ ގުޅޭ ގޮތުން ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، އެމްޑީޕީއިން އަދީބުގެ ނިންމެވުމަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އެމްޑީޕީއަށް ގުޅެން ނިންމުމުން އެކަމަށް ވެސް އެމްޑީޕީއިން މަރުހަބާ ކިޔާފައިވެ އެވެ.

ޝިފާޒު ވިދާޅުވީ، އެމްޑީޕީގެ ރައީސް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތް އަދީބު ވެސް ބަލައިގަންނަ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު މަސައްކަތް ކުރި ހުރިހާ ސިޔާސީ ލީޑަރުންނަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ބަލައިގަނެވޭ ކަމަށެވެ.

ހިތްހަމަނުޖެހުމާއި ތަފާތު ޝުއޫރުތައް ހުރި ނަމަވެސް ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް އެކުގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވެސް އެމްޑީޕީގެ ނައިބު ރައީސް ވިދާޅުވި އެވެ. ރޭ އަދީބުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީއާއި ރައީސް ނަޝީދާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަދީބަށް އޮތް ކަމަށެވެ. "ދެގޮތެއްނުވެ އަޅުގަނޑު ދެމިހުންނާނޭކަމުގެ ޔަގީންކަން، އެމްޑީޕީއަށާއި، ރައީސް ނަޝީދަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" އަދީބު ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އަދީބު އެމްޑީޕީއާ ގުޅޭނެކަން އިއުލާން ކުރި އިރު، މީގެ ކުރިން ނައިބު ރައީސް އަކަށް ހުންނެވި ދުވަސްވަރު އަދީބު ވަނީ، އެމްޑީޕީއަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީ އަކީ، ނައިޖީރިއާގައި ހަރަކާތްތެރިވާ ބޯކޯ ހަރާމް ފަދަ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އަދީބު ވަނީ އެމްޑީޕީ ސިފަ ކުރައްވައިފަ އެވެ. އަދި އެމްޑީޕީ އިން އަބަދު މަގުމައްޗަށް ނިކުމެގެން އުޅެނީ ސަރުކާރުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭތީ އެކަމާ ހިތްނޭދޭތީ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދީބު މީގެ ކުރިން އަދި ސިފަކުރައްވާފައި ގޮތުގައި އެމްޑީޕީ އިން ދުވަހަކު ވެސް ދިވެހިންނަކަށް އަދި ގައުމަކަށް ހެވެއް ނޭދޭނެ އެވެ.

ކޮރަޕްޝަނާއި ފަސާދަ އަދި ބޮޑެތި ޖިނާއީ ތުހުމަތުތައް ކުރެވިގެން ހައްޔަރުކޮށް ޖަލުގައި ހުންނެވި، އަދީބު ވިދާޅުވި ކަމަށް ބަޔާނުގައި އަދި ބުނެފައިވަނީ، ގައުމު ތަޖުރިބާ ކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތްވެ ޑިމޮކްރަސީ އާއި ހެޔޮވެރިކަމާ ދިމާއަށްކުރާ ދަތުރުގައި ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އިންސާފު ގާއިމުކުރުމަށްޓަކައި އެމްޑީޕީ އަދި އެޕާޓީގެ ރައީސް، ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތާއީދުކޮށް އެމަސައްކަތުގައި އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީ އިން މީގެ ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އަދީބަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑެތި ޖިނާއީ މައްސަލަތަކުގެ މާސްޓަމައިންޑެވެ. އަދި ދައުލަތުގެ އެތައް ބިލިއަން ރުފިޔާއަކަށް ސީދާ އަދީބު ހިޔާނާތްވަމުން ދިޔަ ކަމަށް އެމްޑީޕީ އިން އޭރު ތުހުމަތު ކުރަމުން އައެވެ. އަދި އެމްޑީޕީގެ އެންމެ ބޮޑު ފާޑު ކިޔުން އަމާޒު ކުރީ ވެސް އަދީބަށެވެ. އެކި ތުހުމަތުތަކުގައި އަދީބު ހައްޔަރު ކުރުމާ އެކު އެމްޑީޕީގެ ރާގު ވަނީ ބަދަލުވެފަ އެވެ.