އުމްރާ ދަތުރު

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަންޏެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 23 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އިސްލާމިކް މިނިސްޓްރީންނެެވެ.

ޕްރޮޕޯސަލް ފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް މިވަގުތު 43 ކުންފުންޏަކަށް ހުއްދަ ދީފައިވެ އެވެ. މިމަހުގެ ނިޔަލަށް 24 ކުންފުންޏެއްގެ ހުއްދައިގެ މުއްދަތު ހަމަވާއިރު 12 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިއަހަރުގެ ނޮވެމްބަރު މަހަށް ހަމަވާނެ އެވެ. އަދި ހަތް ކުންފުންޏަކަށް ދީފައިވާ ހުއްދަ އަންނަ އަހަރު ހަމަވާނެ އެވެ.

އުމްރާ އަށް މީހުން ގެންދިއުމާ ގުޅޭ އުސޫލެއް ހަދާފައިވީ ނަމަވެސް އުމްރާ ގުރޫޕްތަކާ ގުޅޭ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.