- އިފޫގެ މުޅި ދިރިއުޅުން އޯޓިޒަމް ކުދިންނާއެކު
- އުންމީދަކީ އޯޓިޒަމަށް އާންމުން ހޭއްލައްވާލުން
- އިފޫއަށް އުންމީދު އެބައޮތް
ކުރިން އެއީ ޓީޗަރެކެވެ؛ ކުދިންނަށް އުނގަންނައި ދިނުމަށް ޝައުގުވެރިކަން ހުރި ޒުވާނެވެ. ނަމަވެސް ތައުލީމީ ދާއިރާގައި އުޅުނުއިރު އެހެންކަމެއް އޭނާ އަށް ފާހަގަވި އެވެ. އެހެންވެ އެ ދާއިރާއަށް ނުކުތީ އެވެ. ބޭނުންވީ "އޯޓިޒަމް" ކުދިންނަށް ހިދުމަތް ކުރާށެވެ. މިއީ އޯޓިޒަމް އެސޯސިއޭޝަންގެ ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދާ އިފްހާމް ހުސެއިން (އިފޫ މިސް) އެވެ.
"ގިޔާސުއްދީން ސްކޫލަށް ބަދަލުވި ދަނޑިވަޅު 1،700 ކުދިން މީގެތެރޭގައި ހިމެނޭ. އޭގެ ތެރެއިން މި ދިމާވަނީ ވަރަށް ތަފާތު މިޒާޖެއްގެ ކުދިންތަކަކާ. އެއީ ގާތްގަނޑަކަށް 10 ވަރަކަށް ކުދިން،" ކުރިން އަމީނިއްޔާ ސްކޫލްގެ ޓީޗަރަކަށް އުޅުނު އިފްހާމް ބުންޏެވެ.
މި ކުދިންނާ ދިމާވުން ވެގެން ދިޔައީ އިފްހާމްގެ ހިތަށް ވަރަށް އަސަރުތަކެއް ކުރުވި ކަމަށެވެ. ސަބަބަކީ އެހެން ކުދިންނާއެކު އުޅުމުގައި އެ ކުދިންނަށް ހުރި ދަތިތައް އޭނާއަށް އިހުސާސްވުމެވެ. އަދި އެ ކުދިންނަކީ ވެސް މުޖުތަމައަށް ފައިދާހުރި ކުދިންތަކަކަށް ހެދޭނެ ކަމުގެ ޔަގީންކަށް އޭނާއަށް އޮތުމެވެ.
"މި ދިހަ ކުދިންނާއެކު ކިޔަވައި ދިނުމުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރިން. މި ކުދިންނަކީ ހާއްސަ އަޅާލުމެއް ދެވިއްޖެނަމަ ވަރަށް ކިޔެވޭނެ ކުދިން. އެގޮތަށް މަސައްކަތް ކޮށްގެން އެ ކުދިން ފާސް ވާވަރުވީ،" ހިސާބާއި ސައިންސް މާއްދާ ކިޔަވައިދިން، އިފްހާމް ބުންޏެވެ.
މިއީ އިފްހާމްގެ އެހީތެރިކަން ރާއްޖޭގައި ތިބި އޯޓިޒަމް ކުދިނާ ދިމާލަށް އެނބުރެން ދިމާވި ސަބަބެވެ. މިދަނޑިވަޅު އިއްތިފާގަކުން ނަމަވެސް ދިމާވި އިފްހާމްގެ ދައްތަ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމް އަލީ އޯޓިޒަމް އެސޯސިއޭޝަންގެ މަސައްކަތް ފެއްޓެވި ވަގުތާ އެވެ.
"ދައްތަ ]އިލްހާމް] ވެސް އޯޓިޒަމް ސަޕޯޓް ގްރޫޕަކަށް އެހީތެރިކަން ފޯރުކޮށްދޭތީ އެ މަސައްކަތުގައި ބައިވެރިވީ. އޭރު އެޑިއުކޭޝަން މެނޭޖުމަންޓުގެ ދާއިރާ އިން ކިޔަވައިގެން ހުރީ. ނަމަވެސް ފަހުން އާލީ ޗައިލްޑް ހުޑްގެ ދާއިރާ އިން ކިޔަވައިގެން އައިސް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށީ،" އިފްހާމް ބުންޏެވެ.
"އޯޓިޒަމް އެސޯސިއޭޝަން އުފެދުނީ އޯޓިޒަމް ކުދިންގެ ބެލެނިވެރިން އައިސް ހިޔާލު ފާޅުކުރަނީ. ބެލެނިވެރިން އައިސް ރޮއިިރޮއިފައި އެ ވާހަކަތައް ކިޔައިދޭ. އެއިރު އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާމަން [އިލްހާމް] މެޑަމް ވެސް ހުންނެވީ ނިއުޔޯކްގައި. އެ ތަނުގައި ތަޖުރިބާ ލިބިވަޑައިގެންފައި ހުރީ. އެހެންވެ، އެކަމަނާ އިސްނަގައިގެން އޯޓިޒަމް އެސޯސިއޭޝަން އުފެއްދީ،"
އިފްހާމް މި ދާއިރާގައި ހަތަރު އަހަރު މަސައްކަތް ކުރިއިރު ގިނަ ތަޖުރިބާތަކެއް ކުރެވިފައިވެ އެވެ. ހާއްސަކޮށް އޯޓިޒަމް ކުދިންގެ ތެރޭގައި އާދަޔާ ހިލާފު ހުނަރުތަކެއް ފޮރުވައިވާކަން އޭނާއަށް އެނގުނެވެ.
"އަސްލު އޯޓިޒަމް ކުދިންނަކީ ވަރަށް ހުނަރުވެރި ކުދިން. އޯޓިޒަމް ފޯލްވަނީ ވަރަށް ބޮޑު އަންބްރެއްލާއެއްގެ ދަށުން. މީގެ ބައެއް ކުދިންނަކީ ނޮން ވާބަލް ކުދިން. އުމުރުން 12 އަހަރު ވާއިރު ވެސް ވާހަކަ ނުދެކޭ ކުދިން. އޯޓިޒަމްއަކީ ބައްޔެއް ނޫން. އޯޓިޒަމް ކުދިންގެ ސިކުނޑި ވައިރުވެފައި މި ހުންނަނީ ތަފާތުކޮށް،" އިފްހާމް ބުންޏެވެ.
"މީގެ ތެރޭގައި ހިމެނޭ އެސްޕާޖަސް ސިންޑްރޮމް އަށް ދާކުދިން. ވަރަށް ޓެލެންޓެޑް ކުދިން ވެސް ތިބި. އޯޓިޒަމްގައި އެބައުޅޭ މެންޓަލް މެތްސްއަށް ވެސް މޮޅު ކުދިން. މީގައި އެބަތިބި ގުރުއާން ހިތު ދަސްކޮށްދެވިދާނެ ކުދިން. މީގެެތެރޭގައި އެބަތިބި އިލެކްޓޯނިކްސް އަށް މޮޅު ކުދިންވެސް."
އިފްހާމް ބުނި ގޮތުގައި އޯޓިޒަމް އެސޯސިއޭޝަންގެ މަގުސަދަކީ މިގޮތަށް ތިބި ކުދިންގެ ހުނަރު ތަރައްގީކޮށް މުޖުތަމައަށް ނެރުން ކަމަށެވެ.
"ބައެއް ކުދިން އަންނައިރު އެބަތިބި ބަހެއް ނުކިޔޭ ކުދިން ވެސް. މިސާލަކަށް ބައެއް ކުދިން އުޅެދާނެ ސިޑިން ތިރިއަށް ދާން ނުކެރޭ ކުދިން. އެހެންވެއްޖެނަމަ އެ ކުދިންނަށް ޖެހޭނީ ގޯލެއް ހަދައިގެން ކުރިއަށް ގެންދަން. ކޮންމެ ދެ މިނެޓަކުން ގަނޑެއް ބަހައްޓައިގެން ފަހަރު ސްޓެޕެއް އަޅަން ކިޔައިދޭން. ދިހަ އަހަރުވާ ކުއްޖަކު ފާހާނާ އަށް ދާން ނުކެރޭ ކުދިންވެސް އުޅޭ. އެހެންވާ ކުދިންނަށް ކޮންމެ 10 މިނެޓަކުން ފާހާނާއަށް ގެންގޮސް ކުރެހުމުން ފާހާނާގައި އަމަލު ކުރަން ޖެހޭ ގޮތް ދައްކައިދޭން ޖެހޭ،" އިފްހާމް ބުންޏެވެ.
އިފްހާމްގެ މަސައްކަތުން އޯޓިޒަމް ކުރިންނަށް ދަނީ ގިނަ އެހީތަކެއް ހޯދަައި ދެމުންނެވެ. ހާއްސަކޮށް މި ކުދިންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ދިނުމަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ތަމްރީން ކޮށްފަ އެވެ. ފުރަތަމަ އެސޯސިއޭޝަން އުފެދުނުއިރު ހަތަރު ޓީޗަރުން ތިބި ނަމަވެސް މިހާރު ޓީޗަރުންގެ އަދަދު ވަނީ 32 އަށް އިތުރުވެފަ އެވެ.
"އޯޓިޒަމް އެސޯސިއޭޝަންއަކީ ވަރަށް ޅަ ޖަމިއްޔާއެއް. މިތަނުގެ ދަށުން މި ހިންގަނީ އޯޓިޒަމް ސްކޫލް. އެކި ގޮތް ގޮތުން ފަންޑު ހޯދައިގެން އޯޓިޒަމް ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރެވިއްޖެ. އޯޓިޒަމް އެސޯސިއޭޝަންގައި މިހާރު އެބަހުރި ސްޕީޗް ތެރަޕިސްޓެއް ވެސް. ބިހޭވިޔާ ތެރެޕިސްޓެއް ވެސް. މާސްޓަސް ހަދައިގެން ތިބި ބޭފުޅުން ވެސް އެބަތިބި،" އިފްހާމް ބުންޏެވެ.
އިފްހާމް ގަބޫލުކުރާ ގޮތުގައި އޭނާ މީހަކަށް ހަދައިދިނީ އަމީނިއްޔާ ސްކޫލްގައި ކުރީގެ އެންމެ އިސް މަގާމެއްގައި ހުންނެވި ޖަމީލާ އަލީ އެވެ.
"ޖަމީލާ ވަރަށް ބޮޑަށް އަޅުގަނޑަކަށް ކަންތައްތައް ދަސްކޮށްދިން. އަޅުގަނޑު ކުރިއަށް ނެރެން މަސައްކަތް ކުރީ ޖަމީ. ގިނަ ކަންކަމުގައި ޖަމީގެ ލަފާ ލިބުން. އަޅުގަނޑަށް ހޯމް ވަރަށް ފީލްވި. އަމީނިއްޔާގައި މަސައްކަތް ކުރަން ފެށިއިރު ހަވާލުކުރީ ހުސް ކޮމެންޑެޑް ލިބިފައި ތިބި ކުދިން ތިބި ކުލާހަކަށް. އެހެންވެ އަޅުގަނޑަކަށް އެނގުނު އެ ކްލާސް އަޅުގަނޑާ ހަވާލު ކުރާނީ ކޮންމެ ވެސް ޓެލެންޓެއް ހުންނާނެތީކަން. އެހެންވެ މިއަދު ވަރަށް ހިތްހަމަ ޖެހޭ މިފަދަ [އޯޓިޒަމް] ކުދިންނަށް އެހީތެރިކަން ދެވޭތީ،" އިފްހާމް ބުންޏެވެ.
"ކޮންމެ ދުވަހަކު ބެލެނިވެރިންގެ އާދޭސްތަކާ އެއްޗިހި އަޑުއިވޭ. ނަމަވެސް ޖާގައިގެ ދަތިކަން ހުންނަ ގޮތުން ހުރިހާ ކުދިންނަށް އަޅާ ނުލެވެނީ."
އިފްހާމް އޯޓިޒަމް ކުރިންނާއެކު ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެވެ. ހާއްސަކޮށް އޯޓިޒަމް ކުއްޖަކު އާކަމެއް ކުރާ ކޮންމެ ދުވަހަކީ ވެސް ހާއްސަ ދުވަހެއް ކަމަށް އިފްހާމް ފާހަގަ ކުރި އެވެ.
"ބެލެނިވެރިން އަޅުގަނޑުމެން ކޮށްދޭ ކަންތައްތަކަށް ޝުކުރު އަދާކުރުމަކީ ވަރަށް އުފާވޭ. އަދި ކުރިން އިފޫ މިސް އޭ ކިޔާފައި ގޮވާލާ ވަގުތަކީ ވެސް ވަރަށް އުފާވާ ވަގުތެއް. ބެލެނިވެރިންނާއި ޓީޗަރުންނާ ވެސް ވަރަށް ގާތްވާނެ. ކުދިންގެ ޕްރޮގްރެސް ފެނުނީމަ ވަރަށް އުފާވޭ."
އިފްހާމްގެ ބުރަ މަސައްކަތް ދުނިޔެ ވެސް މިއަދު ވަނީ ބަލައިގެންފަ އެވެ. އެކަން އެނގެނީ ދުބާއީގެ "ޕްރިންސަސް ހާޔާ" ގެ އެވޯޑު އޭނާއަށް ލިބުމެވެ. އޭނާއަށް މި އެވޯޑު ލިބިފައިވަނީ "ބެސްޓް މެނޭޖަރު" ކެޓަގަރީންނެވެ.
"މި އެވޯޑަކީ ރާއްޖެއަށް ލިބުނު ރީތި ނަމެއް. އެއް ގޮތަކަށް ވެސް ހިއެއް ނުކުރުން މި އެވޯޑު ލިބޭނެ ކަމަށް. މި އެވޯޑަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން ކުރިމަތިލި،" އިފްހާމް ބުންޏެވެ.
އިފްހާމްގެ ހުވަފެނަކީ އަންނަ އަހަރު ހުޅުމާލޭގައި ހުޅުވާ އޯޓިޒަމް ސްކޫލުގައި ގިނަ ކުދިންތަކަށް ހިދުމަތް ކުރުމެވެ.
"ހުޅުމާލޭގައި ހަދާ ސްކޫލްގައި 400 އަށްވުރެ ގިނަ ކުދިންނަށް ކޭޓާ ކޮށްދެވޭނެ. ނަމަވެސް ހުޅުމާލޭގައި ހަދާ ސްކޫލްގައި ސުވިމިން ޕޫލެއް ވެސް ހުންނާނެ. އެހެންވެ މި ތަނުން ހިދުމަތް ދޭން ފެށުން،" އިފްހާމް ބުންޏެވެ.
"އަޅުގަނޑު ބޭނުންވަނީ އޯޓިޒަމް ކުދިންނަށް މީހުން ހޭލުންތެރި ކުރުވަން. އެ ކުދިންނަނީ ސެސްސަރީ އިޝޫޒް ހުންނަ ކުދިން. އަޑު ތަކަށް އެ ކުދިން އުނދަގޫވޭ. ބައެއް ކުދިން ފެންނާނެ ބިން މައްޗަށް ވެއްޓި ގަނެގެން އުޅޭތަން. އެ ކުދިންނަށް ވަރަށް އުނދަގޫވާނެ. ބައެއް މީހުން އެބަ ކޮމެންޓް ޕާސްކުރޭ މިއީ ކޮންކަހަލަ ބެލެނިވެރިނެއްހޭ! ދަރިން ތަރުބިއްޔަތު ކުރާކަށް ވެސް ނޭނގެއޭ!. މިކަހަލަ ކުދިންގެ ބެލެނިވެރިންނަކަށް ނުކެރޭ ކުދިން ނެރޭކަށް. އެހެންވެ އަޅުގަނޑު ދެކެން ބޭނުންވަނީ މިކަން ކުޑަ ވާނެ ދުވަހެއް."